ޕާކިސްތާންގެ މަދަނީންގެ ޝަރީއަތް ކުރާ ކޯޓުތަކުގެ ފަނޑިޔާރުންގެ ގާބިލުކަމާ މެދު، ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސުވާލު އުފައްދަވައިފި އެވެ. ދުސްތޫރީ ބެންޗުގައި އިންވަނާ ފަނޑިޔާރު ޖަމާލް ޚާން ވިދާޅުވީ އޭނާ ޖުޑިޝަރީގައި އުޅޭތާ މިހާތަނަށް 34 އަހަރު ވެފައިވާ ކަމަށާއި އަދިވެސް ކޮންމެ ދުވަހަކުވެސް އޭނާއަށް އައު ކަންކަން ދަސްވަމުން ދާކަމަށް ވިދާޅުވެ ކުއްލިއަކަށް ހާލަކުން ޝަރީއަތެއް ކޮށްލާ ފަނޑިޔާރުންގެ ހުންނާނީ ކޮން ޖަޖުރިބާއެއް ތޯ އޭނާ ސުއާލު ކުރެއްވިއެވެ.
ޕާކިސްތާންގައި ސަރުކާރު ބަދަލު ވުމާގުޅިގެން، މެއި މަހުގެ ނުވަ ވަނަ ދުވަހު އެކި ތަންތާނގައި ހިންގާފައިވާ ހުޅުޖެހުމުގެ ހާދިސާތަކުގައި އުޅުނު ފަރާތްތަކުގެ ޝަރީއަތް ކުރަމުން ދަނީ އަސްކަރީ ކޯޓުތަކުގައެވެ.
އެ މުޒާހަރާތަކުގައި، ޢިމްރާން ޚާންގެ ޕާކިސްތާން ތަޙުރީކޭ އިންސާފު ޕާޓީ (ޕީޓީއައި)ގެ އެކްޓިވިސްޓުން ވަނީ ސިފައިންގެ މަރުކަޒުތަކަށް ހަމަލާ ދީފައެވެ.
ފަނޑިޔާރު ސަރުކާރާ އަސްކަރީ ކޯޓުތަކާ ބެހޭ ގޮތުން ސުއާލު ކުރައްވަމުން ވިދާޅުވީ، އަސްކަރީ ކޯޓުގެ ރިޔާސަތު ބަލަހައްޓާ އޮފިސަރަކީ ބޮޑެތި އަދަބުތައް ދިނުމުން ކުރާނެ އަސަރުތައް ވިސްނޭ ވަރުގެ ތަޖުރިބާކާރު އަދި ޢިލްމުވެރި ޤާނޫނީ އޮފިސަރެއްތޯ ވެސް އައްސަވާފައެވެ.
އާންމުން ޝަރީއަތް އަސްކަރީ ކޯޓުތަކުގައި ކުރުމާ ބެހޭ ގޮތުން ސުއާލު ކުރުމުން، ހަތް ފަނޑިޔާރުންގެ ބެންޗަށް މައުލޫމާތު ދެއްވަމުން ޕާކިސްތާންގެ އެޑިޝަނަލް އެޓާނީ ޖެނެރަލް ޗައުދަރީ އާމިރު ރަހްމާން ވިދާޅުވީ ރަސްމީ ސިއްރުތަކުގެ ގާނޫނާއި ޕާކިސްތާން ސިފައިންގެ ގާނޫނުގެ ދަށުން ތުހުމަތު ކުރެވޭ 5،000 މީހުންގެ ތެރެއިން ދައުވާ އުފުލާފައި ވަނީ އެންމެ 105 ފަރާތެއްގެ މައްޗަށެވެ.
އޭނާ ވިދާޅުވީ މި އެންމެންނަކީ އަސްކަރީ މަރުކަޒުތަކަށް ހަމަލަ ދިން މީހުންނެވެ.
ސަރުކާރުން މިވާހަކަތައް ކޯޓުގެ ސަމާލުކަމަށް ގެނަސްފައި ވަނީ 2023ގެ އޮކްޓޯބަރު 23، ގައި ސުޕްރީމް ކޯޓުން އަސްކަރީ ކޯޓުތަކުގައި ޝަރީއަތް ކުރުމަށް ދެކޮޅު ހެދުމާ ގުޅިގެން އެ އަމުރު ބެންޗުން މުރާޖައާ ކުރި ދަނޑިވަޅެއްގަ އެވެ.