ލުބުނާންގައި ޒަޔަނިސްޓުން ދޭ ހަމަލާތައް ހުއްޓާލުމަށް ވެފައިޥާ އެއްބަސްވުމުގެ މުއްދަތު މިމަހުގެ 20އަށް ހަމަވާނެއެވެ. އެ މުއްދަތު ހަމަވުމާއެކު އިޒްރޭލުން އިތުރު އުދުވާނީ ފިޔަވަޅެއް އަޅައިފިނަމަ، އެކަމުގެ ނަތީޖާ އިޒްރޭލަށާއި ސަރަހައްދަށްވެސް ހިތިވާނެ ކަމަށް މުހައްލިލުން ބުނެއެވެ.

ބާކީ ދެން މިއޮތް މަދު ދުވަސްތަކުގެ ތެރޭގައި އިޒްރޭލުން އުދުވާނީ ފިޔަވަޅެއް ނާޅާ ގޮތަށް ފްރާންސާއި އެމރިކާއިން ދަނީ ހަލުއި ފިޔަވަޅު ތަކެއް އަޅަމުންނެވެ.

މި މުއްދަތު ނިމޭއިރު ކަން ދިމާވާ ގޮތަކުން ޙިޒުބުﷲ އިން އަމަލު ކުރާނެ ގޮތް އެ ޖަމާއަތުން އިއުލާނެއް ނުކުރެއެވެ. އަދި ތަފާތު ގޮތްގޮތަށް އެކި ފަރާތްތަކުން ވާހަކަ ދައްކަމުންދާއިރު ޙިޒުބުﷲ އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެއީވެސް އޭގެ ޒާތުގައި ބިރު ހުރި ކަމެއް ކަމަށް މުހައްލިލުން ބުނެއެވެ.

ޙިޒުބުﷲ އަކީ އަދިވެސް 95 ހާސް ހަނގުރާމަވެރިން ކޮންޓްރޯލު ކުރާ ޖަމާއަތެކެވެ. އަދި އެއީ ލުބުނާން ސިފައިންނަށް ވުރެން ހަނގުރާމައަށް ފަރިތަ ބައެއް ކަމަށް އެންމެންވެސް ގަބޫލު ކުރެއެވެ.