ކޮމަންވެލްތަކީ އެ ޢާއިލާގައި ހިމެނޭ ކުދި ޖަޒީރާ ގައުމުތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ނަމޫނާ ޖަމްޢިއްޔާއެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ކޮމަންވެލްތް ދުވަހުގެ މުނާސަބާގައި ފޮނުއްވި ޚާއްސަ މެސެޖެއްގައެވެ. މި އަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިޢާރު ކަމުގައިވާ "ޑެލިވަރިންގ އަ ކޮމަން ފިއުޗަރ: ކަނެކްޓިންގ، އިނޮވޭޓިންގ، ޓްރާންސްފޯމިންގ" އިން ސިފަކޮށްދެނީ، 2.4 ބިލިއަން މީހުންގެ އާބާދީއެއްގެ މައްޗަށް ބިނާވެފައި އޮތް "ކޮމަންވެލްތް އޮފް ނޭޝަންސް" ނުވަތަ ކޮމަންވެލްތް ޢާއިލާގެ މެދުގައިވާ ގާތް ގުޅުން ކަމުގައި ވެސް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވަނީ ކޮވިޑް-19 ގެ ވެކްސިން ހުރިހާ ޤައުމަކަށް ބޭނުންވާ ވަރަށް ހޯދުމަށްޓަކައި ކޮމަންވެލްތުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް އެޖަމްޢިއްޔާއަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

ރައީސް ވިދާޅުވެފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދަތި ޙާލަތުގައި ހޯދިފައިވާ އައު އީޖާދުތަކާއި ހެޔޮ ބަދަލުތަކަކީ މި ގުޅުމުގެ ހެއްކެއް ކަމަށެވެ. މި ބަލިމަޑުކަމުގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުންދީ އެހީތެރިވެ އުޅުމުގައި ފުރިހަމަ މިސާލު ދައްކާފައިވާކަމުގައި ރައީސް ވިދާޅުވިއެވެ.

ކޮމަންވެލްތް ދުވަހަކީ ދުނިޔޭގެ ހަ ބައްރަކަށް ނިސްބަތްވާ 54 ޤައުމެއްގެ މެދުގައި އޮންނަ ގާތްގުޅުން ފާހަގަކުރާ ދުވަހެއްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ ކޮމަންވެލްތުން ވަކިވިއެވެ. އެހެންނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް ވަޑައިގެން އަލުން އެޖަމްޢިއްޔާއާ ގުޅުނުތާ މިވީ އެއްހަރެވެ. މި މަދު ދުވަސްކޮޅުގެ ތެރޭގައި ފަޚުރުވެރިވާފަދަ ކާމިޔާބީތަކެއް ވަނީ ޙާޞިލުކުރެވިފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "ކޮމަންވެލްތްއަކީ އެ ޢާއިލާގައި ހިމެނޭ ކުދި ޖަޒީރާ ޤައުމުތުތަކަށް ޚާއްޞަ ސަމާލުކަމެއްދޭ ނަމޫނާ ޖަމުޢިއްޔާއެއްކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން ވިލުންތެރި މުޖުތަމަޢުތަކެއް ބިނާކުރުމަށް ކޮމަންވެލްތު ޢާއިލާގެ އެއްބާރުލުން ރާއްޖެއަށް ބޭނުންވާކަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.