އިޓަލީން ކޮވިޑް-19 ބަލީގައި މަރުވި މީހުންގެ އަދަދު ލައްކައަކަށްވުރެ މަތިވެ، ބަލީގެ ހާލަތު އިތުރަށް ގޯސްވާން ފަށައިފިއެވެ.
އިޓަލީން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ލައްކައަކަށް އެރީ ހޯމަދުވަހުއެވެ.
އެއާއެކު، އިޓަލީގެ ބޮޑުވަޒީރު މާރިއޯ ޑްރެގީވަނީ، ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ގިނަވެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް އިންޒާރު ކުރައްވާފައެވެ.
އިޓަލީ ވެގެން މިދިޔައީ، ކޮވިޑްބަލީގައި މަރުވި މީހުންގެ އަދަދު ލައްކައަކަށް އެރި ދުނިޔޭގެ 7 ވަނަ ގައުމަށެވެ.
މީގެކުރިން އެ އަދަދަށް މީހުން މަރުވެގޮސްފައިވަނީ، އެމެރިކާ، ބްރެޒީލް، މެކްސިކޯ، އިންޑިއާ، ރަޝިޔާ އަދި ޔޫކޭއިނެވެ.
އިޓަލީ ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ބަލީގައި 318 މީހުން މަރުވެ، މިހާތަނަށް މިބަލީގައި އިޓަލީން މަރުވި މީހުންގެ އަދަދު 100،103 އަށް އަރާފައިވާ ކަމަށެވެ.
އިޓަލީން ކޮވިޑް ބަލީގައި 50،000 މީހުން މަރުވާން 9 މަސްދުވަސް ހޭދަވިއިރު، ފަހުން އޭގެ ދެގުނަ އިތުރަށް މީހުން މަރުވާން ހޭދަވެގެންދިޔައީ ފާއިތުވެދިޔަ ތިނެއް ބައި މަސްދުވަހެވެ.
ކުރީ ހަފްތާއާ އަޅާބަލާއިރު އިޓަލީން އަލަށް ބަލިޖެހުނު މީހުންގެ އަދަދު ވޭތުވެދިޔަ ހަފްތާގައި 23 އިންސައްތަ މައްޗަށް ޖެހިފައި ވާއިރު، އިޓަލީގެ ހެލްތު އޮފިޝަލުންވަނީ، އިޓަލީގައި އަލުން ބަލިމަޑުކަން ފެތުރެން ފަށާފައިވާ ކަމަށް އިންޒާރު ކުރައްވާފައެވެ.
އިޓަލީގައި މިހާރު ބަލި ފެތުރެމުންދަނީ ޔޫކޭއިން ފެނިފައިވާ ކޮވިޑް ވައިރަހުގެ ނުރައްކާތެރި ވޭރިއެންޓުގެ ސަބަބުން ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ.
އިޓަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށް ވިދާޅުވެ، ބޮޑުވަޒީރު މާރިއޯ ޑްރެގީވަނީ، ވެކްސިން ދިނުމުގެ ކެމްޕެއިން ވަރަށް ވަރުގަދަ ކުރުމަށް އޭނާގެ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވެފައެވެ.
ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ އެހެން ގައުމުތަކެކޭ އެއްފަދައިން އިޓަލީގައިވެސް ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށްދަނީ ވަރަށް ލަސްކޮށެވެ.
މިގޮތަށް ދިމާވެފައިވަނީ، ވެކްސިން ފޯރުކޮށްދޭން ވައުދުވި ކުންފުނިތަކުން ވެކްސިން ފޮނުވައިދޭ މިންވަރު މަދުވުމުންނެވެ.
އިޓަލީގެ އާބާދީގައި 60 މިލިއަން މީހުން ހިމެނޭއިރު، ހޯމަދުވަހުގެ ނިޔަލަށް އެގައުމުންވަނީ 5.42 މިލިއަން މީހުންނަށް ވެކްސިން ދީފައެވެ. އޭގެތެރެއިން 1.65 މިލިއަން މީހުންނަށް ވަނީ ދެވަނަ ޑޯޒް ދީފައެވެ.
ފުރަތަމަ ޑޯޒް ދިން މީހުންނަށް ދެވަނަ ޑޯޒް ދިނުމަށް ވެކްސިން ރައްކާކޮށްފައި ބެހެއްޓުމުގެ ބަދަލުގައި އިޓަލީ ސަރުކާރުން މިހާރު އަމާޒު ހިފާފައި ހުރީ، ވީހާވެސް ގިނަ ބަޔަކަށް ފުރަތަމަ ޑޯޒް ދިނުމަށެވެ.