ހުޅުމާލެއާއި މާލޭގައި މަލްޓި ސްޓޯރީ ވެއަރހައުސްތައް ތަރައްޤީކުރުމަށް އެސްޓީއޯ ނިންމައިފިއެވެ.

އެސްޓީއޯއިން މިހާރުވަނީ މި މަސައްކަތް އެސްޓީއޯއަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ. އެސްޓީއޯއިން ބުނީ މި މަސައްކަތުގެ ފީޒިބިލިޓީ ސްޓަޑީއެއް ހެދުމާއި، ޑިޒައިން އަދި ކޮންސަލްޓަންސީގެ ޙިދުމަތްދިނުމަށް ޝައުގުވެރިވާ ފަރާތްތައް އެކްސްޕްރެޝަން އޮފް އިންޓްރެސްޓު، އީ.އޯ.އީ ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެެ. އީއޯއައި ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 14ވަނަ ދުވަހެވެ.

އެސްޓީއޯއިން ރާއްޖެއަށް ގެންނަ މުދާ ގުދަންކުރުމަށް ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މަލްޓި- ޕޯޕަސް ވެއަރހައުސް ތަކެއް ކަަމަށް އެކުންފުނިން ބުނެއެވެ.ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯންގައި ތަރައްޤީކުރާ މި ވެއަރހައުސްތަކުގެ ބޮޑު މިނުގައި ސާޅީސް ހާސް އަކަފޫޓު ހުންނަ އިރު އުސް މިނުގައި 18.5 މީޓަރު ހުންނާނެއެވެ. މިއީ ގާތްގަނޑަކަށް 5 ބުރި އާއި 8 ބުރީގެ އިމާރާތެއްގެ އުސްމިނެވެ.

އެސްޓީއޯއިން މާލޭ ސަރަހައްދުގައި ތަރައްޤީކުރުމަށް ނިންމާފައިވަނީ ސިިއްޚީ ސާމާނު ރައްކާކުރުމަށް ޙާއްސަ ގުދަނެކެވެ. މި ގުދަން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މާލޭ ބުލޮކް ނަމްބަރު 5 ގައެވެ. ވިހިހާސް އަކަފޫޓުގެ ބިމެއްގައި ތަރައްޤީކުރާ މި އިމާރާތުގެ އުސްމިނުގައި 18 މީޓަރު ހުންނާނެއެވެ. މިއީ ގާތްގަނޑަކަށް 5 ބުރި އާއި 8 ބުރީގެ އިމާރާތެއްގެ އުސްމިނެވެ.

މަލްޓި- ސްޓޯރީ ވެއަރހައުސްތަކަކީ ގިނަ ވެއަރހައުސްތައް ހިމެނޭގޮތަށް ހުންނަ އިމާރާތްތަކެވެ. އެސްޓީއޯއިން ބުނީ މަލްޓީ-ސްޓޯރީ ވެއަރހައުސްތަކާއެކު މުދާ ގުދަން ކުރުމުގައި އެސްޓީއޯއަށް ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި މިހާރު ގުދަންކުރުމަށް ތަންތަން ކުއްޔަށް ހިފުމަށް ބޮޑެތި ހަރަދުތަކެއް ހިނގާ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.