ރާއްޖޭގައި އެންމެ ފަހުން އުފަންވި ސިޔާސީ ޙަރަކާތް ކަމަށްވާ ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) ގެ ޙަރަކާތްތަކީ ސަމާސާ އެއްޗަކަށް ވިޔަނުދެއްވާނެ ކަމަށް އެ ޙަރަކާތުގެ އިސް ބޭފުޅެއް ކަމަށްވާ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވީ އެ ޙަރަކާތްކީ އެއްވެސް މީހެއްގެ ވަށައިގެން އެނބުރޭ ޙަރަކާތެއް ނޫންކަމަށެވެ. އެންމެނަށް ވެސް އޮންނާނީ ހަމަހަމަ އުސޫލެއް ކަމަށް ވެސް ވިދާޅުވިއެވެ. "މިއީ މުޅި ޙަރަކާތުގެ ވެސް ޢަޒުމް. ޙަރަކާތުގެ އެންމެހާ ބޭފުޅުންގެ ވެސް ނިންމުން. ޙަރަކާތް ކުރިއަށްދާނީ އަޤުދުނާމާއާ އެއްގޮތަށް. ޗާޓަރާ އެއްގޮތަށް،" ޢުމަރު ވިދާޅުވިއެވެ.

ޑީއޭންއޭއަކީ ރާއްޖެ ހަމަމަގަށް އަޅުވައި ކަންކަން އިސްލާޙު ކުރެއްވުމަށް އުފެއްދި ޙަރަކާތެކެވެ. ޤާނޫނީ ހައިސިއްޔަތު ނެތަސް މުޅި ޙަރަކާތް ކުރިއަށްދާނީ އުސޫލުގެ ތެރެއިންނެވެ. އެ ޙަރަކާތުގެ މައިގަނޑު މަސައްކަތަކަށްވާނީ އިސްލާމީދީނާއި ރާއްޖޭގެ ޤާނޫނު އަސާސީގެ ޙުކޫމަތު ނަގަހައްޓައި ދެމެހެއްޓުން ކަމަށް ޢުމަރު ވިދާޅުވިއެވެ.

މުސްތަގުބަލުގައި އެ ޙަރަކާތުން ރިޔާސީ ކެންޑިޑޭޓަކު ނުކުމެ އިންތިޚާބު ކާމިޔާބު ކުރިޔަސް އެ ބޭފުޅަކު ވަނީ ރައްޔިތުންގެ ރައީސަށް ކަމަށާއި އޭރުވެސް ޑީއެންއޭގެ މަސައްކަތަކަށްވާނީ ކަންކަން ރަނގަޅަށްދޭތޯ ފާރަލައި ބެލުން ކަމަށް ޢުމަރު ވިދާޅުވިއެވެ.