ހިނގަމުން މިދާ 2025 ވަނަ އަހަރުގެ ފުރަތަމަ ފަނަރަ ދުވަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ގައުމަކަށް ރަޝިޔާ ވެއްޖެއެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުންް ފެންނަނީ ޖެނުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ރަޝިޔާއިން 12،920 ފަތުރުވެރިން ޒިޔާރަތް ކުރި ކަމަށެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ އިޓަލީ ވިލާތުންނެވެ. އެއީ 10،662 ފަތުރުވެރިންނެވެ. ތިންވަނަައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ އިނގިރޭސިވިލާތުންނެވެ. ޖެނުއަރީ ސާދަ ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުން ރާއްޖެއަށް 7،698 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހަރު ރާއްޖޭގެ އެއްވަނަ މާކެޓުގެ ގޮތުގައި ހިފެހެއްޓި ޗައިނާއިން މިއަހަރު މިހާތަނަށް ޒިޔާރަތް ކޮށްފައި ވަނީ 6،667 ފަތުރުވެރިންނެވެ. މިދިޔަ އަހަރު ރާއްޖޭގެ ދެވަނަ މާކެޓަކީ ރަޝިޔާއެވެ.
ޓުއަރިޒަމްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރެޒޯޓުތަކަށް ޒިޔާރަތްކޮށްފައި ވަނީ 63،414 ފަތުރުވެރިންނެވެ. ގެސްޓްހައުސްތަކަށް 22،684 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ހޮޓެލްސްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނަށް 2،359 ފަތުރުވެރިން ވަނީ ޒިޔާރަކޮށްފައެވެ. ސަފާރީތަކަށް ޒިޔާރަތްކޮށްފައި ވަނީ 2،203 ފަތުރުވެރިންނެވެ.
މިއަހަރު ފެށުނު ފަހުން އެވްރެޖުކޮށް ދުވާލަކު 6،476 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ ބަލާއިރު %8 ގެ ކުރިއެރުމެކެވެ.