ފިޔާ އަކީ އަހަރެމެންގެ ކެއުންބުއިން އެއާއި ނުލައި ފުރިހަމަ ނުވާނެ ތަރުކާރީއެކެވެ. ކޮންމެ އަހަރެއްގެ ރޯދައާއި ދިމާކޮށް ގިނަ އަދަދެއްގެ ފިޔާ ރާއްޖެއިން ބޭރުން އެތެރެކުރަންޖެހެއެވެ.
އިހުގައި، ދަނޑުވެރިކަންކުރުމުގެ ފަންނީ ގިނަ މަޢުލޫމާތުތަކެއް ލިބެންނެތް ޒަމާނުގައިވެސް ރާއްޖޭގައި ކޮންމެސްވަރަކަށް ފިޔާ ހައްދާ ބޭނުންކުރިކަން އެނގެން އެބަ އޮތެވެ. އެހެންކަމުން މިހާރު ދަނޑުވެރިކަންކުރުމުގެ ތަފާތު ވަސީލަތްތައް ފަސޭހައިލިބެން އޮތްއިރު، ރާއްޖޭގައި ފިޔާ ހެއްދިދާނެއެވެ. މި ލިޔުމުގައި މި ބަލާލަނީ ފިޔާ ހެއްދިދާނެ ގޮތަކަށެވެ.
ފިޔާ އިންދުން
ފިޔާ އިންދުމުގެ ކުރިން ބަލިންރައްކާތެރި ކުރުމަށްޓަކައި އިންދުމަށް ތައްޔާރުކޮއްފައިހުރި ފިޔާތަށް ފަންގިސައިޑް އެއްކޮއްފައި ހުންނަފެނަށް އެޅުމަށްފަހު 5 މިނެޓްވަންދެން ބަހައްޓާށެވެ. ފިޔާ އިންދަންވުމުން ފިޔާގެ މަތީކުރިން ތަންކޮޅެއް އުތުވާލާށެވެ. އޭރުން ފަސޭހައިން ފަޅާނެއެވެ. ބެޑުގައި ފިޔާ އިންދާނީ ދެބަރި ދޭތެރޭ 6 އިންޗި ދެފިޔާ ދޭތެރޭގައި 3 އިންޗި ހުންނަވަރަށެވެ. ފިޔާތަށް އިންދާފައި ބަހައްޓަންޖެހޭނީ އިންދާފާ ހުންނައިރު ވެލިގަނޑުގެ މަތިން ހަމަކިރިޔާ ފިޔާގެކުރި ފެންނަ ވަރަށެވެ. ފިޔާ ރަގަޅަށް ހެއްދިއްޖެނަމަ އިންދާތާ 90 ދުވަހުގެ ތެރޭގައި ފިޔާ ފައިބާނެއެވެ.
ފިޔާ އިންދުމަށްފަހު ރަނގަޅަށްފެންދީ ބަލަހައްޓަން ޖެހޭނެއެވް. އިންދުމަށްފަހު ރުކުފަން ނުވަތަ ހިކިހުއި ފަދަ އެއްޗަކުން ބެޑުތައް މަލްޗް ކޮށްލާށެވެ. ފިޔާ އިންދުމަށް އެންމެ ރަގަޅު ދުވަސްވަރެއްކަމަށް ފާހަގަ ކުރެވެނީ، ފިޔާކޮނުމާ ދިމާވާ ދުވަސްވަރަކީ ވިތްސާރަނޫން ދުވަސްވަރަކާ ކުރިމަތިވާގޮތަށެވެ. ފިޔާތަށް ފަޅައިގެން ހެދެން ފެށުމުން، ވާރާވެހިގެންނާ ފެންދީގެން ބެޑުން ވެލިފައިބާނަމަ ވެލިތަށްނަގާ ބެޑުރަނގަޅުކުރަންޖެހެއެވެ.
ގަސްކާނާ ދިނުން
ފުރަތަމަ ފިޔާ އިންދުމުގެ ކުރިން ކާދު އަޅައި އުދަލިން ފަސްގަނޑުޖަހާ އެއްކޮއްލާށެވެ. ބެޑްލެވެލްކޮއް 2 ފޫޓް ފުޅާ 10 ފޫޓް ދިގުމިނުގައި 400 ގްރާމް ކެމިކަލް ގަސްކާނާ ބެޑުމަށްޗަށް ވިއްސާ ފަސްގަނޑުމަތީ 5 އިންޗި ބޯމިނުގެ ފަށަލާ އެއްކޮއްލާށެވެ. ކާނާއަކަށް ބޭނުންކުރާނީ ޕްޓޭސިއަމް ގިނައިން އެކުލެވޭ މިކްސް ގަސްކާނާއަކަށެވެ. މީގެފަހުން ކޮންމެ 3 ހަފްތާއަކުން ކާނާދޭށެވެ. މިގޮތަށް ކާނާދޭނީ 3 ފަހަރުއެވެ. ކޮންމެ ފަހަރަކު ދޭނީ 300 ގްރާމް ކާނާއެވެ. މިގޮތަށް ކާނާއަޅާއިރު އަޅާނީ ކޮންމެ ދެބަރިއެއް ދޭތެރޭގައި ރޮނގެއް ދެމުމަށްފަހު 1 އިންޗި ފުންމިނުގައި ހުރިހާ ގަހަކަށް އެއްވަރަކަށް ވާވަރަށެވެ.
ވިނަ ނޮޅުން
ފިޔާ ބެޑްތަކުން ވިނަނޮޅުމަކީ ވަރައްމުހިންމު ކަމެއްދީގެން ކުރަންޖެހޭނެކަމެކެވެ. މިކަމަށް އެންމެ ރަނގަޅީ އެއްވެސް ކަހަލަ ވިނަމަރާ ބޭހެއް ބޭނުންނުކުރުމެވެ. މަށަންދަތި ފަދަ އާލަތްތަށް ބޭނުންކޮށްގެން ވިނަނޮޅުމުގެ ބަދަލުގައި ރަގަޅުގޮތަކީ އަތުން ވިނަތައް ނޮޅާ، ސާފުކުރުމެވެ. އަދި ވިނަ ނޮޅާއިރު ހެދެމުން އަންނަ ފިޔާތަކުގެ ކައިރިން ވެލިގަނޑު ދޫކޮއްލުމަކީ ބޭނުންތެރިކަމެކެވެ.
ފެންދިނުން· ފިޔާ އިންދުމުގެ ކުރިން ބެޑަށް ފެންޖަހާ ރަނގަޅަށް ތެންމާލާ
· އިންދުމަށްފަހު ވެސް ވަރަށް ރަނގަޅަށް ފެންޖަހާ ބިންގަނޑު އަޑިއާއެކު ތެންމާލާ
· ފިޔާއިންދާތާ ފުރަތަމަ ދެހަފްތާގައިކޮންމެ ދުވަހަކު ދެފަހަރު ފެންދިނުން. ނަމަވެސް މިކަން ބިނާވެފައި އޮންނަނީ މޫސުމުގެ މައްޗަށެވެ. ރަނގަޅަށް ވިއްސާރަ ވެހޭނަމަ ފެންދޭކަށްނުޖެހޭނެއެވެ.
· ތިން ހަފްތާވުމުން ދުވާލަކު އެއްފަހަރު ރަނގަޅަށް ފެންޖަހާށެވެ.
· ފިޔާކޮންނަން ދެހަފްތާވުމުން ފެންދިނުން މުޅިން ހުއްޓާލާ ފިޔާތަށްހިއްކުމަށް ފުރުސަތުދޭށެވެ.ފިޔާ ގަހަށްޖެހޭ ބައްޔާއި ފަރުވާ
އެހެން ބާވަތްތަކުގެ ތަރުކާރީ ގަސްތަކަށް ބަލިޖެހޭ ފަދައިން ފިޔާ ގަހަށްވެސް ބަލިޖެހެއެވެ. އެގޮތުން "ތްރިޕްސް"އަކީ ފިޔާގެ ފަތްތަކުގައި އަޅާ ކުދިކުދި ސުއިއްޕެކެވެ. މިއެތި އެޅުމުން ފަތްތައް ހަލާކުވެ ރަނގަޅަށް ނުހެދެވޭގޮތް ދިމާވެއެވެ.
މިހެންދިމާވެއްޖެނަމަ ޑައިމަތޮއޭޓް ކަހަލަ އިންސެކްޓިސައިޑަކުން ސްޕްރޭކުރާށެވެ.
ފިޔާ ކޮނުން
ފިޔާކޮންނަވާއިރު ފިޔާ ގަސްތަކުގެފަތްތައް ހުންނާނީ ދެބައިކުޅަ އެއްބައި ހިކިފައެވެ.
ފިޔާކޮންނާނީ ފިޔާ ފަތްތައް މަރުވާން ފެށުމުންނެވެ. މިހެންވާނީ ފިޔާ އިންދާތާ 90 ދުވަހާއި 80 ދުވަހުންނެވެ.
ފިޔާ ކޮންނާނެ ގޮތަކީ ފިޔާގަހުގެ ބުޑުގައި ހިފާފާ މައްޗަށް ދަމާލާނީއެވެ. އޭރުން އުނދަގުލެއްނެތި ފިޔާ އުފުރާލެވޭނެއެވެ. އެއައްފަހު ދުވަސްކޮޅަކުން ހިޔަލުގައި ބަހައްޓައިގެން ހިއްކާލާށެވެ. ދެންފިޔާގެ މަރުވެފައިހުރި ތޮށިތަށް ނޮޅާލާ ސާފްކޮށްލާނީއެވެ. އަދި މޫތައްވެސް ކޮށާލާ، ފިޔަލުގެ ފަތްތައްވެސް އިންޗިއެއް ހުންނަވަރަށް ކޮށާލާނީއެވެ.
ފިޔާ ރައްކާކޮށްފައި ބެހެއްޓުމަށް ރަގަޅު ގޮތަކީ ދާގަޑު ގޯނީގައި ވައިހިނގާ ތަނެއްގައެވެ.