ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރެއްވި ގޮތުގައި، ބ. އަތޮޅު ކައުންސިލްގެ ރައީސް، އެ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު ޢުމަރާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ވަޒީރުގެ އިތުރުން ލޯކަލް ގަވަރމެންޓް ޑިޕާރޓްމެންޓް ހިންގެވުމާ ޙަވާލުވެހުންނެވި ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރު، ކްލަސްޓަރ އެގްޒެކްޓިވް ޑެޕިއުޓީ މިނިސްޓަރ އިސްމާޢީލް ނާފިޢު އަދި އަތޮޅު ކޯޑިނޭޓަރ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ބ. އަތޮޅުގެ ރައްޔިތުންނަށް ޕިކްނިކް ދިއުމަށް ޚާއްޞަ ރަށެއް ނެތުމުގެ މައްސަލަ މަޝްވަރާކުރެވުނެވެ. މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ބ. އަތޮޅު ވިލިނގިލިފަރު ފިނޮޅު ބ. އަތޮޅު ކައުންސިލަށް ހަމަޖައްސައި ދިނުމަށް އަތޮޅު ކައުންސިލްގެ ރައީސް އެދިވަޑައިގަތެވެ.

ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ ބ. އަތޮޅު ކައުންސިލަށް އެ ފިނޮޅު ހަމަޖައްސަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.