ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި 50 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް އަންނަ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި ކަދުރަކީ 1446 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ސަރުކާރުން ހަދިޔާކުރެއްވި ކަދުރެވެ.
އިސްލާމީ ވުޒާރާއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މި ކަދުރު ރަސްމީކޮށް ހަވާލުވެލެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ކަމަށެވެ. މި ކަދުރު ރާއްޖެ ގެނެވިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ކަދުރު ބެހުމުގެ އުސޫލާ ގުޅޭގޮތުން އިސްލާމީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ. އެގޮތުން، ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައިގަތުމަށް ހާޒިރުވާ ތަރުތީބުންނެވެ. ކޮންމެ ގޭބިސީއަކަށް ލިބޭނީ 1 ޕެކެޓް ކަދުރެވެ. އަދި ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 25 ޕެކެޓް ކަދުރުކަމަށް ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ކަދުރު ބެހުމުގައި ގޭބިސީތަކުގެ ކަރަންޓް މީޓަރުގެ ނަންބަރަށް ބަލާނެ ކަމަށާއި، ކަދުރާ ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ބަލާނެ ކަމަށްވެސް އިސްލާމީ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 އިން އަންނަ މަހުގެ 6 އާ ހަމައަށެވެ. މާލޭ ސަރަހައްދުގައި މި މަސައްކަތް ކުރިއަށްދާނީ ހެނދުނު 9:30 އިން މެންދުރު 13:00 އާ ހަމައަށެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ އިސްލާމީ މަރުކަޒުގައެވެ. އަދި ރަށްރަށުގައި ނުވަތަ އަތޮޅުތަކަށް ކަދުރު ބަހާނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.
މީގެ އިތުރުން، ރަމަޟާންމަހުގެ އިފްތާރު ޕްރޮގްރާމަށް ނުވަތަ ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދޭ ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް ކަދުރު ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ވުޒާރާއިން ވިދާޅުވެފައިވެއެވެ. އަދި މިކަމަށް ޝައުޤުވެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން އެ ވުޒާރާގައި ނަން ނޯޓުކުރެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އެދިލައްވާފައިއެވެ.