ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި ހުންނަ ގްރީނަރޖީ ޑޭޓާ ސެންޓަރ (ޖީޑީސީ) އަށް އިއްޔެ ޒިޔާރަތްކުރައްވައިފިއެވެ.
ރައީސް އެތަނަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ އެ ސެންޓަރުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި ޗީފް ޑިވެލޮޕްމަންޓް އޮފިސަރ މިސްޓަރ ކެރްތް އެވެރްތް އާއި ޗީފް ޓެކްނޮލޮޖީ އޮފިސަރ ޓޫމަސް ކެލްއެވެ.
ޒިޔާރަތުގައި ރައީސަށް އެ ސެންޓަރާ ބެހޭ ޕްރެޒެންޓޭޝަނެއް ދެއްކެވީ ޖީޑީސީގެ ބާނީ މިސްޓަރ އުއްލަރ ޔާކްސޯއެވެ. މި ޕްރެޒެންޓޭޝަންގައި ޔާކްސޯ ފާހަގަކުރެއްވި ގޮތުގައި އެ ސެންޓަރުގެ މުހިންމު އެއް މަޤްޞަދަކީ ޑިޖިޓަލައިޒޭޝަން މެދުވެރިކޮށް ސެންޓަރުގެ ޕާޓްނަރުން ގުޅުވާލެވޭ ޑިޖިޓަލް މުސްތަގުބަލަކަށް ވާސިލުކޮށްދިނުމަށްޓަކައި އެޑްވައިޒަރީ ރޯލެއް އަދާކޮށް ދިނުމެވެ. އޭގެ ފަހުން ރައީސަށް އެ ސެންޓަރުގެ ވަސީލަތްތައް ބައްލަވާލާ، ހަކަތަ ސަމަކާރަ ކުރުމާގުޅޭ މަސައްކަތްތަކާއި ޑޭޓާ ރައްކާކުރުމުގައި އެ ސެންޓަރުން ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
2020 ވަނަ އަހަރު ޤާއިމުކުރެވުނު ޖީޑީސީ އަކީ ބޯލްޓިކް ސަރަޙައްދުގެ އެންމެ ބޮޑު ޑޭޓާ ސެންޓަރެވެ. މި ތަނުގައި ޒަމާނީ އޭއައި ބޭނުންކޮށްގެން ހިންގާ ސެކިއުރިޓީ ސިސްޓަމްތަކާއި ސަރވެއިލަންސް ބޭނުންކުރެއެވެ. ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީވުމަށް އިސްކަންދޭ މި ސެންޓަރުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި ހޫނުގެ ސަބަބުން ބޭކާރުވާ ހަކަތަ އަލުން ބޭނުންކުރުން ފަދަ ކަންކަން ކުރެއެވެ.
މި ސެންޓަރުން ސަރަޙައްދުގެ ރަށްތައް ދެމެހެއްޓެނިވި ޑިޖިޓަލް ބަދަލަކަށް ވާސިލުވުމަށްޓަކާ ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުބާރުކުރެވޭ، ހަރުދަނާ، ދެމެހެއްޓެނިވި ގޮތެއްގައި ޑިޖިޓަލް ވިއުގައަކުން ގުޅާލުމަށް އެހީތެރިވެދެއެވެ.
ރައީސް އެސްޓޯނިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި، ރާއްޖާގެ ފަންނިއްޔާތުގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.