އާދަމްގެފާނަށް ސަޖިދަ ކުރަން އެންގެވި އިލާހީ އަމުރުފުޅަށް ޝައިޠާނާ އުރެދުނެވެ. ޝައިޠާނާއަށް އެ ވަސްވާސް ލިބިގަތީ ކިހިނެއް ހެއްޔެވެ؟

ހަމަ، ސީރިއަސް ސުވާލެކެވެ.

އަސްލު ބޮޑު އިބިލީހަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟

"ނަފްސު" މި ލަފުޒަކީ ވަރަށް ޚުޠޫރަތްތެރި ލަފަޒެކެވެ. ކީތިރި ޤުރުއާންގެ އެތައް އާޔަތެއްގައި މި ޚުޠޫރަތްތެރި ﷲ ބަޔާން ކުރައްވާފައި ވެއެވެ.

އަހަރެމެން ﷲއަށް އީމާންވެ، އެ އިލާހުގެ މަތިން ހަނދުމަކޮށް، ދުޢާކޮށް، ޤުރުއާން ކިޔަވައި ހަދަމުއެވެ. އެކަމަކުވެސް، ފާފަތަކުގެ ތެރެއަށް ގެނބި، ވެށްޓިގަންނަމުއެވެ.

މިކަމުގެ ސަބަބަކީ ކޮބައިތޯއެވެ؟

އަހަރަމެން ވަނީ އަސްލު ދުޝްމަން ދޫކޮށް އެއަށް ވުރެން ބަލި ކަށި ދުޝްމަނަކަށް ފޯކަސް ކުރަން ފަށާފައެވެ. ﷲގެ ވަޙީގެ ބަސްފުޅުގައި ވަނީ: إِنَّ كَيْدَ الشَّيْطَانِ كَانَ ضَعِيفًا (76)"ހަމަކަށަވަރުން ޝައިޠާނާގެ ކެހިވެރިކަން ވަނީ ނިކަމެތި ވެގެންނެވެ."

ހަޤީޤީ ދުޝްމަނަކީ، އަހަރަމެންގެ އަމިއްލަ ނަފްސެވެ. ތަހްޒީބުކޮށް އިސްލާޙު ކުރަން ޖެހޭނީ އަހަރަމެންގެ ނަފްސެވެ.

ނަފްސަކީ، އަހަރަމެންގެ އެތެރޭގައި އޮތް ޓައިމް ބޮމެވެ. ކޮންޓްރޯލު ނުކޮށފިނަމަ ކޮންމެ ހިނދެއްގައި ގޮވަން ތައްޔާރަށް އޮންނަ އެއްޗެވެ.

މިހުރިހައި އާޔަތެއްގެ ވެސް ނާރެހަކީ، ނަފްސް އެވެ.

މިއީ ކޮން ނަފްސެއް ހެއްޔެވެ؟

މިއޮތް ފަދަ ބުއްދި އިސްކުރާ ޒަމާނުގައިވެސް، ﷲ ފިޔަވައި އެހެން ދޭވަތާއިންނަށް އަޅުކަން ކުރުމަށް އިންސާނާއަށް ވަސްވާސް ދޭ ފަރާތަކީ އެއީއެވެ.

މި ވަސްވާސް ދޭ ނަފްސަށް އެއްވެސް ކޮންޓްރޯލެއް ނެތެވެ. އެ ނަފްސް ކޮންޓްރޯލު ނުކުރެވޭނަމަ ކަންކުރަން ދާނީ ބޭނުން ގޮތަކަށެވެ.

ޤާބިލް އޭނާގެ އަޚާ ހާބީލް މަރާލި ގޮތާ ބެހޭ ގޮތުން ﷲ ވަޙީ ކުރައްވައެވެ.

ނުބައި ކަމެއް ކޮށްފައި އެކަމަށް، ހިތާމަކޮށް ތައުބާ ވެފައިވާ މީހާ ގާތުން، އޭނާ އެމަގުން ހިނަގން މެދުވެރިވީ ކޮންކަމެއްތޯ އަހާލާށެވެ. ހީލާފައި ބުނާނެއެވެ! ޝައިޠާނާއެވެ! އިބުލީހެވެ!

ތެދެކެވެ! ކޮންމެ ނުބައި ކަމެއްގެ ފަހަތުގައި ޝައިޠާނާއެވެ! އެކަމަކު ނަފްސް މަތިންވެސް ހަނދާން ނައްތައި ނުލާށެވެ!

ޝައިޠާނާ ނުރައްކާތެރި އެވެ. އެކަމަކު ނަފްސު އައްމާރާ އެއަށް ވުރެން ނުބަޔެވެ.

ޝައިޠާނާ އިންސާނާއަށް ނުބައި މަގުން ގެންދަނީ، ހެވާއި ނުބައި މަތިން ހަނދާން ނައްތައިލަގެންނެވެ.