ރައްޔިތުންގެ މަޖިލީހުގު މެންބަރުން ތަޅުމުގައި އިށީނދެވަޑައިގެން ތިއްބަވާ ތަރުތީބުތަކަށް ބަދަލު ގެނައުމަށް މިއަހަރުގެ 3 ވަނަ ދައުރު ފެށުމުގެ ކުރިން މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާކަމުގައި ކޮމިޓީގެ މުޤައްރިރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ތަޅުމުގައި މެމްބަރުން ތިއްބަވާ ތަރުތީބަށް ބަދަލު ގެނައުމަށް ގޮތެއް ނިންމުމަށް އެދި މަޖިލީހުގެ އިދާރާއިން ވަނީ އާންމު ކޮމިޓީއަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި މެމްބަރުން އިށީނދެވަޑައިގަންނަވާ ތަރުތީބު ބަދަލު ކުރެއްވުމާއި ގުޅޭގޮތުން މެމްބަރުން ފާޅުކުރައްވާފައިވާ ޚިޔާލުފުޅުތަކާއި ގުޅިގެން އެ ތަރުތީބު ބަދަލު ކުރުމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާ ގޮތުގެ ރިޕޯޓެއް ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށުމުގެ ކުރިން ފޮނުވައިދިނުމަށެވެ.
އާންމު ކޮމިޓީގެ މުޤައްރިރު ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ޙަސަން ލަޠީފް ވިދާޅުވީ އެކި މެންބަރުން މިކަމުގައި ފެންނަ ޚިޔާލުތައް ހުށަހަޅާފައިވާކަމަށެވެ. އަދި ދުނިޔޭގެ ރިޔާސީ ނިޒާމު އޮތް ޤައުމުތަކުގައިވެސް މަޖިލީހުގެ މެންބަރުން ޖަލްސާގައި ތިއްބަވާ ތަރުތީބުތަކަށް ބަލައި، އެންމެ ރަނގަޅު ގޮތަކީ ޕާޓީތަކުގެ މެމްބަރުން އެކީގައި ތިއްބަވާނެ ގޮތަކަށް ބަދަލު ގެނައުންކަމަށެވެ.
މިގޮތަށް ބަދަލު ގެންނައިރު ޕާޓީޓަކުގެ މެންބަރުން ތިއްބަވާ ތަރުތީބު ކަނޑައަޅާނީ އެޕާޓީއެއްގެ ޕާލިމަންޓްރީ ގްރޫޕަކުން ކަމުގައި ޙަސަން ލަޠީފް ވިދާޅުވިއެވެ.
މަޖިލީހުގެ ތަޅުމުގައި މެމްބަރުން ތިއްބަވާ ތަރުތީބަށް ގެންނަ ބަދަލު ފެނިގެންދާނީ އަންނަ އަހަރު މަޖިލީހުގެ ޖަލްސާތައް ފެށެންވާއިރަށް ކަމުގައި އާންމު ކޮމިޓީގެ މުގައްރިރު ޙަސަން ލަތީފް ވިދަޅުވިއެވެ.