ފްރޯޑާއި، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ލަންޑަންގެ ޖަލެއްގައި މިހާރު ހުރި ނައިޖީރިއާގެ ސްޓޭޓެއްގެ ކުރީގެ ގަވަރްނަރެއްގެ މިލްކިއްޔާތުން 5.84 މިލިއަން އެމެރިކާ ޑޮލަރު އަނބުރާ ނައިޖީރިއާ ހަވާލު ކުރުމުގެ އެއްބަސްވުމެއްގައި ނައިޖީރިއާއާއި، ޔޫކޭއިން ސޮއިކޮށްފިއެވެ.

ނައިޖީރިއާގައި، ތެޔޮ އުފައްދާ ސްޓޭޓެއް ކަމަށްވާ ޑެލްޓާގެ ގަވަރްނަރުކަން ޖޭމްސް އިބޮރީ ކުރައްވާފައިވަނީ 1999 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރުގެ ނިޔަލަށެވެ.

ޖޭމްސް އިބޮރީގެ މައްޗަށް އުފުލުނު ފްރޯޑާއި، މަނީ ލޯންޑަރިންގެ 10 ދައުވާއެއް ސާބިތުވެ، ލަންޑަންގެ ސައުތުވާރކް ކްރައުން ކޯޓުން އޭނާ 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ.

ޖޭމްސް އިބޮރީވަނީ، ދައުލަތުގެ ފައިސާއިން ވައްކަންކޮށް، ލަންޑަނުން އަގުބޮޑު ގެތަކާއި، ދުނިޔޭގެ އެންމެ މަޝްހޫރު އަގުބޮޑު ކާރުތަކާއި އަދި އަމިއްލަ ޖެޓެއްވެސް ގަނެފައެވެ.

އެއް އިރެއްގައި އިބޫރީ ހިމެނިގެން ގޮސްފައިވަނީ، ނައިޖީރިއާގެ އެންމެ މުއްސަނދި އަދި އެންމެ ބާރުގަދަ މީހުންގެ ތެރޭގައެވެ.

ޔޫކޭގެ ހޯމް އެންޑް ފޮރިން އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ، މުޖުރިމެއްގެ އަތުން އަތުލެވުނު ފައިސާތަކެއް، އެތެރެފެންނަ ގޮތެއްގައި ނައިޖީރިއާއާ ހަވާލު ކުރެވޭ ފުރަތަމަ ފަހަރު ކަމަށެވެ.

ނައިޖީރިއާގެ އެޓަރނީ ޖެނެރަލް އަބޫބަކުރު މަލާމީ ވިދާޅުވީ، ޔޫކޭއިން ހަވާލުކުރާ 5.84 މިލިއަން އެމެރިކާ ޑޮލަރު ހޭދަ ކުރެވޭނީ އުމްރާނީ ތަރައްގީގެ އެތައް ޕްރޮޖެކްޓްތަކެއް ފުރިހަމަ ކުރުމަށް ކަމަށެވެ.

އޭގެތެރޭގައި، ވެރިރަށް އަބޫޖާއާއި، އުތުރުގެ ވިޔަފާރީގެ މައި ރަށް ކާނޫ ގުޅުވާލަދޭ މައި މަގުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެޓަރނީ ޖެނެރަލް ވިދާޅުވިއެވެ.

ވަގަށް ނަގާފައިވާ ފައިސާ އަނބުރާ ނައިޖީރިއާ ހަވާލުކުރުމަށް ޔޫކޭއާއި، ނައިޖީރިއާ ސަރުކާރާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޓަރނީ ޖެނެރަލް އަބޫބަކުރު މަލާމީ ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމާއި، ޣައިރުގާނޫނީ ފައިސާގެ މުއާމަލާތްތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށް ދެގައުމުން އޮތީ އަޒުމް ކަނޑައަޅައިގެން ކަމަށެވެ.

އެއްބަސްވުމާ ގުޅޭގޮތުން ޔޫކޭގެ ހޯމް އޮފީސް މިނިސްޓަރ ބަރޮނެސް ވިލިއަމްވެސް ވިދާޅުވީ، މި އެއްބަސްވުމުން މުޖުރިމުންނަށް ވަރުގަދަ ސާފު މެސެޖެއް ދެވިގެން ހިނގައްޖެ ކަމަށެވެ.

އެ މެސެޖަކީ، މުޖުރިމުންގެ މުދަލާއި ފައިސާތައް އަތުލައިގަންނާނެ ކަމުގެ މެސެޖު ކަމަށެވެ.

ޔޫކޭ ސަރުކާރުގެ މިނިސްޓަރ ފޮރ އެފްރިކާ ޖޭމްސް ޑުޑްރިޖް ވިދާޅުވީ، ޖިނާއީ ޖަރީމާތަކާއި، ކޮރަޕްޝަނާ ދެކޮޅަށް ނައިޖީރިއާއާއި ޔޫކޭ ސަރުކާރު ކުރިއަށް އޮތް ތާނގައިވެސް ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

ޖޭމްސް އިބޫރީގެ މައްސަލަ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން ދެކެނީ، ނައިޖީރިއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.

ސަބަބަކީ، އިބޫރީފަދަ، މުއްސަނދި އަދި ނުފޫޒުގަދަ މީހަކު ޝަރީއަތަށް ގެނެވި މީގެކުރިން މައްސަލައެއް ކުރިއަށް ގެންދެވިފައި ނުވުމުންނެވެ.