އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިން، އިމަޖެންސީ ބޭނުމަށް އިންޑޮނޭޝިޔާގައި ބޭނުންކުރުމުގެ ހުއްދަ، އިންޑޮނޭޝިޔާގެ ކަމާބެހޭ އިދާރާއިން އަންގާރަ ދުވަހު ދީފިއެވެ.

އިންޑޮނޭޝިޔާގެ ފުޑް އެންޑް ޑްރަގް އޭޖެންސީން މި ހުއްދަދިނީ، އެސްޓްރަޒެނެކާގެ މިލިއަނަކަށްވުރެ ގިނަ ޑޯޒްގެ ވެކްސިން އެގައުމަށް ލިބުނުތާ އެއްދުވަސް ފަހުންނެވެ.

އިންޑޮނޭޝިޔާގެ ފުޑް އެންޑް ޑްރަގް އޭޖެންސީންގެ ވެރިޔާ ޕެނީ ކޭ ލުކިޓޯ، ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ، އެގައުމަށް ގެނެވުނު އެސްޓްރަޒެނެކާގެ ވެކްސިން، އުމުރުން 18 އަހަރުން މަތީގެ އެންމެނަށް ދެވޭނޭ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާއި، ވެކްސިން އެލަޔަންސް ގުޅިގެން ކުރިއަށް ގެންދާ ކޮވްކްސް ޕްރޮގްރާމްގެ ދަށުން ލިބުނު 1.1 މިލިއަން ޑޯޒްގެ ވެކްސިން އިންޑޮނޭޝިޔާއަށް ގެނެސްފައިވަނީ ހޯމަދުވަހުއެވެ.

ކޮވެކްސް ޕްރޮގްރާމްގެ ދަށުން އިންޑޮނޭޝިޔާއަށް 11.7 މިލިއަން ޑޯޒްގެ އެސްޓްރަޒެނެކާގެ ވެކްސިން ގެނައުމަށް ހަމަޖެހިފައި ވެއެވެ. މިވެކްސިންތައް މިއަހަރުގެ މެއިމަހާ ހަމައަށް ލިބޭނީ ޝިޕްމަންޓްތަކަކަށް ބަހާލައިގެން ކަމަށް އިންޑޮނޭޝިޔާގެ ފޮރިން މިނިސްޓަރ ރެޓްނޯ މަރްސުދީ ހޯމަދުވަހު ވިދާޅުވެފައި ވެއެވެ.

އަނެއްކޮޅުން، އިންޑޮނޭޝިޔާއަށް އަދި ލިބެމުންދަނީ ވަރަށް މަދު ވެކްސިނެއްކަމުން، އަވަހަށް ވެކްސިން ޖެހޭނެކަމަށް އުންމީދުތައް އެހާ މަތިނުކުރުމަށް އިންޑޮނޭޝިޔާގެ ހެލްތު މިނިސްޓަރ ބުޑީ ގުނާޑީ ސަޑިކިން ހޯމަދުވަހުވަނީ ވިދާޅުވެފައެވެ.

އިންޑޮނޭޝިޔާގެ އާބާދީގައި 270 މިލިއަން މީހުން ހިމެނޭއިރު، ޗައިނާގެ ސިނޮވެކް ބަޔޯޓެކްގެ 38 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިންވެސް އިންޑޮނޭޝިޔާއަށް ވަނީ ގެނެސްފައެވެ.

އެގަމުގައި މިއަހަރުގެ ޖެނުއަރީން ފެށިގެންވަނީ ވެކްސިން ދޭން ފަށާފައެވެ.