މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަލީ އިކްރާމް އެމަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އިކްރާމް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ރޭގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފަިއވާ ގޮތުގައި އިކްރާމް މަގާމުން އިސްތއިުފާ ދެއްވާފައިވަނީ އަމިއްލަ ސަބަބުތަކާއި ގުޅިގެންނެވެ. އިކްރާމް މަގާމުން އިސްތިއުފާ ދެއްވިއިރު އޭނާއާއި ގުޅޭ ދެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުން އަންނަނީ ބަލަމުންނެވެ.

މޯލްޑިވް ގޭސް ހިންގެވުމާ ހަވާލުވެ ހުންނެވި އިކްރާމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމިޓީއިން ބަލަމުން އަންނަނީ ރާއްޖެއަށް އޮކްސިޖަން ސިލިންޑަރު ގެނައުމުގައި މޯލްޑިވް ގޭހުން ހިނގިކަމަށް ތުހުމަތުކުރާ ހިޔާނާތުގެ މައްސަލައަކާ މޯލްޑިވް ގޭސްގެ މުވައްޒިފުންތަކަކަށް އިކްރާމް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.