ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބެންފީކާއިން ދެލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ފަހަތުން އަރައި އެންމެފަހު ވަގުތު 5-4 އިން މޮޅުވެ ބާސެލޯނާއިން ފެންވަރު ސާބިތު ކޮށްދީފިއެވެ.

މެޗުގެ ފުރަތަމަ 22 މިނެޓް ކުޅުން ނިމުނުއިރު ބެންފިކާ ދިޔައީ 3-1 އިން ލީޑް ކުރަމުންނެވެ. ބެންފީކާގެ ތިން ލަނޑުވެސް ކާމިޔާބު ކޮށްދިނީ ގްރީސްގެ ފޯވާޑް ވެންގަލިސް ޕަވްލިޑިސްއެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރިހުުގައި ތިންވަނައަށް އެންމެ އަވަހަށް ހެދި ހެޓްރިކެވެ. ބާސެލޯނާއަށް ލަނޑު ޖަހައިދިނީ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޮސްކީއެވެ.

ދެވަނަ ހާފް ފަށައިގެން 64 ވަނަ މިނެޓުގައި ބްރެޒިލްގެ ތަރި ރަފީނާގެ ލަނޑުން ބާސެލޯނާއިން ފަރަގު ކުޑަކުރިއެވެ. އެކަމަކު އަނެއްކާވެސް ހިތްމަރުވާގޮތްވީ އޭގެ ހަތަރު މިނެޓްފަހުން ޑިފެންޑަރު އަރައުހޯ އަތުން ބައިކޮޅަށް ލަނޑެއްވަދެ 4-2 އަށް ނަތީޖާ ބަދަލުވުމުންނެވެ. މެޗުގެ ފޯރިގަދަވާގޮތްވީ 78 ވަނަ މިނެޓުގައި ލެވަންޑޮސްކީ އަދި 86 ވަނަ މިނެޓުގައި އެރިކް ގާސިއާ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކުރުމުންނެވެ. މި ފޯރިގަނޑުގައި ކުޅެމުންދަނިކޮށް ބާސެލޯނާއިން ބެންފިކާ ރޮއްވާލީ މެޗުގެ އިތުރުވަގުތުގައި ރަފީނާ ކާމިޔާބު ކުރި ލަނޑުންނެވެ.

މެޗަށްފަހު ދެޓީމުގެ ކުޅުންތެރިން މެދުގައި ހަމަނުޖެހުން ހިނގައި ޕޮލިހުން ހާޒިރުވާން ޖެހުނެވެ.

މިއީ ޗެމްޕިއަންސް ލީގުގެ ތާރިހުގައި 5-4 އިން މެޗެއް ނިމުނު ފުރަތަމަ ފަހަރެވެ. އަދި މިއީ ޗެމްޕިއަންސް ލީގުގެ ތާރިހުގައި ހަތަރު ލަނޑު ވަދެފައި ވަނިކޮށް، ޓީމަކުން ފަހަތުން އަރައި މެޗް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން މިކަން ކޮށްފައި ވަނީ 2016 ވަނަ އަހަރު ބްރޯޝިޔާ ޑޯޓްމަންޑެވެ.

މި ނަތީޖާއާއިއެކު ބާސެލޯނާއިން ވަނީ މި މުބާރާތުގެ ފުރަތަމަ ބުރުގައި ކުޅުނު 7 މެޗުން 18 ޕޮއިންޓް ހޯދައި ތާވަލުގެ 2 މަގާމް ހޯދާފަ އެވެ. ބެންފީކާއަށް ހަތް މެޗުން ލިބިފައިވާ ވަނީ 10 ޕޮއިންޓެވެ. އެ ޓީމު އޮތީ ތާވަލުގެ 18 ވަނައިގަ އެވެ. އެއްވަނައިގައި އޮތީ ލިވަޕޫލެވެ.