ސަރުކާރުން މި ވަގުތު ހިންގަމުންދާ އެންމެ މުހިންމު އަދި އެންމެ ބޮޑު މަޝްރޫއަކީ ދަރިވަރުންނަށް ތައުލީމު ހާސިލުކޮށްދިނުމަށް ކުރަމުންދާ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް މިއަދު ވިދާޅުވީ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު މިހާރު ދިހަހާސް ދަރިވަރުން ހިފަމުންދާ ކަމަށެވެ. ދިހަ ހާސްވަނަ ދަރިވަރަށް އެފުރުސަތު ދީފައިވަނީ މިދިޔަ ހަފްތާގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެ ކަމުގެ ހެޔޮ ނަތީޖާތަކާއި ފައިދާ ކުރިއަށްއޮތް ދެތިން އަހަރުގެ ތެރޭގައި ފެންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. "މި ވަގުތު ހުރިހާ ރަށެއްގެ މަސައްކަތްތައް ވަނީ ޓެންޑަރ ޕްރޮސެސްގައި. އޭގެ ތެރެއިން މި މަސްތެރޭގައި ވެސް ގިނަ ޕްރޮޖެކްޓްތަކެއްގައި ސޮއިކުރެވޭނެ. ކުރިއައޮތް ދެ ތިން ހަތަރު މަސްތެރޭގައި މި ދެންނެވިގޮތަށް ހުރިހާ ރަށެއްގެ ޕްރޮޖެކްތައް އެކި ފަރާތްތަކާ ހަވާލުކުރެވި އަމަލީ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފެށިގެންދާނެ،" ރައީސް ވިދާޅުވިއެވެ.