އުދުހޭ ހުދު ކޫޑީގެ 2 ވައްތަރެއް ރާއްޖޭގައި އުޅެއެވެ. އެއީ ގްރީން ހައުސް ވައިޓްފްލައި އާއި، ސިލްވަރލީފް ވައިޓްފްލައި އެވެ. މި 2 ވައްތަރުގެ އުދުހޭ ހުދުކޫޑިއަކީ ވެސް އޭތީގެ ހޮނޑު ހަރައިގެން ފަތްތަކުން ދިޔަބައިގެން ގަސްގަހުގައި ދިރިއުޅޭ ވަރަށް ކުޑަ އަދި ސައިޒްގެ ގޮތުން ތަފާތު ދެ އިންސެކްޓެވެ. ހުދުކޫޑި ގަސްގަހުގެ ދިޔަބުއިމުގެ ސަބަބުން ގަސްތަކަށް ވަރަށް ބޮޑަށް ގެއްލުން ލިބެއެވެ. މި ކޫޑިތައް ޢާންމުކޮށް ތިބެނީ، ފަތްތަކުގެ ދަށްފަރާތުގައެވެ. މިގޮތަށް ގަސްގަހުގެ ދިޔަބުއިމުގެ ސަބަބުން ގަސްތަކަށް ވަރަށް ބޮޑަށް ގެއްލުން ދެއެވެ.
މި ކޫޑިތައް މިއަށް އެކަށީގެންވާ މާޙައުލެއްގައި އުޅޭނަމަ، މީގެ އަދަދު ވަރަށް އަވަހަށް ގިނަކޮށްލައެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މި ކޫޑިތައް އުޅެއެވެ.
ރާއްޖޭގައި އުޅޭ އުދުހޭކޫޑީ ދެނެގަތުން
ރާއްޖޭގައި އުޅޭ އުދުހޭ ހުދުކޫޑީގެ 2 ވައްތަރު ކަމަށްވާ، ގްރީންހައުސް ވައިޓްޕްލައި އާއި، ސިލްވަރލީފް ވައިޓްފްލައިގެ ދެވައްތަރު ވަކިކޮށް ދެނެގަތުމަކީ ބޭނުންތެރި ކަމެކެވެ.
ގްރީންހައުސް ވައިޓް ފްލައި
ފެންނައިރު ބަޅިނދަކާއި ވައްތަރު އަދި ތިނެސްކަން ބަައްޓަމަށް އިންނަ މި ވައިޓްފްލައި ތައް ތިބެނީ ފަތުގެ ދަށް ފަރާތުގައި ކޮންމެސްވަރަކަށް 2 ފިޔަގަނޑު ފަތުރާލައިގެން މާބޮޑު ހަރަކާތެއްނެތިއެވެ. މި ކޫޑީގެ ދިގުމިނަކީ، ގާތްގަނޑަކަށް 2- 1.5 މިލިމީޓަރެވެ.
ގްރީންހައުސްއަށް ނިސްބަތްވާ މި އުދުހޭ ކޫޑިއަކީ، ގިނަވައްތަރުގެ ގަސްގަހަށް ގެއްލުންދޭ ސުއިޕެކެވެ. ރާއްޖޭގައި ޢާންމުކޮށް ގެއްލުންދޭ ގަސްތަކުގެތެރޭގައި މިރުސް ބަށި، ޓޮމާޓޯ، ފޭރު، ބައެއް ބަގީޗާ ގަސްތަކާއި، ދިވެހިރުއް އަދި މިނޫންވެސް ގަސްގަހާގެހި ހިމެނެއެެވެ. މީތި ކާނާއަކަށް ބޭނުންކުރަނީ، ފަތުގެ ދިޔައެވެ. ދިޔަބޮނީ ފަތުތެރެއަށް އޭގެ ހޮނޑުން ފަތުގެ ދަމާލައިގެންނެވެ.
ގްރީންހައުސް ވައިޓްފްލައި ބިސްއަޅަނީ، ފަތުގެ ދަށްފަރާތަށެވެ. މީގެ ކޫޑިއެއް 400 ވަރަށް ބިސް އަޅައެވެ. އަދި 45-30 ދުވަހުގެ ތެރޭގައި މި ކޫޑީގެ ޖީލެއް އުފެދެއެވެ. އަދި 2 މަހެއްހާދުވަހު ދިރިއުޅެއެވެ.
ސިލްވަރލީފް ވައިޓްފްލައި އަކީ، ގްރީންހައުސް ވައިޓްފްލައި އާއި ދާދި އެއްވައްތަރު ސިފަތަކެއް ހުންނަ ވައިޓްފްލައި އެކެވެ. ނަމަވެސް މި ވައިޓްފްލައި ގްރީންހައުސް ވައިޓް ފްލައިއަށްވުރެ ކުދިވާނެއެވެ. ހަށިގަނޑުގައި ރީންދޫކުލަ ހުރުމާއިއެކު ފިޔައިގައި ހުންނާނީ ހުދުކުލައެވެ. އަދި ފިޔަ ހުންނާނީ ގްރީންހައުސް ވައިޓްފްލައިގެ ދެފިޔައަށްވުރެ ބޮޑަށް ގަޔާއި ކައިރިކޮށްފައެވެ.
މި ކޫޑީގެ ދިގުމިނަކީ، 0.8 - 1.2 މިލިމީޓަރެއެވެ. މި ކޫޑިވެސް ކެއުމަކީ ފަތުގެ ދިޔައެެވެ. ތިބެނީ ފަތުގެ ދަށްފަރާތުގައެވެ. 4-3 ހަފުތާގެ ތެރޭގައި މި ކޫޑީގެ އާބާދީ ވަރަށް ބޮޑަށް އިތުރުކޮށްލައެވެ. ރެންޑަމްކޮށް މީގެ ކޮންމެ އަންހެން ކޫޑިއެއް 400-50 ބިސް އަޅައެވެ، ނުވަތަ އެވްރެޖްކޮސް 160 ބިސް އަޅައެވެ. ހޫނު ދުވަސްވަރު މީގެ ހަޔާތުގެ ބުރު ފުރިހަމަކުރަން 28-18 ދުވަސް ހޭދަވެއެވެ. ފިނިގަދަ ދުވަސްވަރުގައި މިއަށްވުރެ ގިނަދުވަސް ހޭދަވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މި ކޫޑީގެ ޖީލެއް އުފެދެއެވެ.
ލައިފް ސައިކަލް(ހަޔާތުގެ ބުރު)
މި ލިޔުމުގައި މި ބަލާލީ އުދުހޭ ހުދުކޫޑި އާއި ގުޅޭ ތަފްސީލީ ތަޢާރަފަކަށެވެ. މި ކޫޑީގެ ސަބަބުން ލިބޭ ގެއްލުން ތަކާއި ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ކަންކަން ކުރިޔަށް ހުރި ބައިތަކުގައި ގެނެސް ދެވޭނެއެވެ.