އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ޖަމާޢަތްތެރިން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ ޕްރޮގުރާމުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި އައު ބުރެއް ފެށުމަށް ނިންމައި، ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮގުރާމް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ. ޕްރޮގުރާމުގެ ކުލާސްތައް ކުރިއަށްދާނީ މާލޭގެ ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ކަމަށާއި، ކޮންމެ ރެއެއްގެ 20:15 އިން 21:15 އަށް ކުލާސްތައް ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވެއެވެ.
މި ޕްރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 23 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އޮންލައިން ފޯމު ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމަށް ޚާއްޞަ ލިންކެއް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހިއްސާކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއީ މާލެއާއި ރާއްޖޭގެ ރަށްރަށުގައި ކަށުކަމާކެމީގެ ކަންކަން ކުރުމަށް އެކަށީގެންވާ ތަމްރީނު ލިބިފައިވާ މީހުން އިތުރުކުރުމުގެ މަޤުޞަދުގައި ކުރިއަށް ގެންދެވޭ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަށުކަމާކެމީގެ ކަންކަން ކުރުމަށް ތަމްރީނު ލިބިފައިވާ ފަރާތްތައް އިތުރުވެ، މުޖުތަމަޢުއަށް މުހިންމު ޚިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށް އުންމީދު ކުރެވެއެވެ.