ރ. ހުޅުދުއްފާރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމް ބެހެއްޓުމަށް މިއަދު އެއްބަސްވެއްޖެއެވެ. މި އެއްބަސްވުން ވެވުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުޅުދުއްފާރަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.
ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި ހުޅުދުއްފާރު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު އާތިފެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ، ބަދުރުއްދީން ޙަސަނެވެ.
އެމްއައިބީގެ އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި އެ ބޭންކުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު މުފައްދަލް އިދްރީސް ޚުމްރީއެވެ. ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައިވެސް ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު އާތިފެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ގޮތުން، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމަކީ ސަރުކާރުގެ އަމާޒެކެވެ. މިހާރު ރާއްޖޭގައި ބީއެމްއެލްގެ 190 އޭޓީއެމް ޤާއިމުކުރެވިފައިވާއިރު، އަންނަ އަހަރު ނިމުމުގެ ކުރިން 250 އަށްވުރެ ގިނަ އޭޓީއެމް ޤާއިމުކުރުމަކީ ބީއެމްއެލްގެ ލަނޑުދަނޑިއެކެވެ.