ރ. ރަސްމާދޫ ކައުންސިލުން އެރަށު މޫދަށް އެރޭ ސަރަހައްދު ރައްކާތެރި ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އަރިހު އެދެފިއެވެ.

ރަސްމާދޫ ކައުންސިލުން މި ކަމަށް އެދިފައިވަނީ ރައީސުލްޖުމްހޫރިއްޔާ، އެ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އިއްޔެ ރަސްމާދޫގައެވެ.

އެ ބައްދަލުކުރެއްވުމުގައި އެ ކައުންސިލުން ވަނީ ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ، މުހިންމު ކަންކަން ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށާއި، ރަށުގެ ފެންބޮޑުވާ ސަރަހައްދު ތަކުގައި، ފެންހިންދާ ނިޒާމެއް ގާއިމު ކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން، ކައުސިލުން ވަނީ ރަށުގެ ގިރާ ސަރަހައްދުގެ މައްސަލަ ހައްލުކޮށްދެއްވައި، ރަށުގެ މޫދަށް އެރޭ ސަރަހައްދު ރައްކާތެރި ކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައެވެ. އަދި ރަސްމާދޫ ސުކޫލުގައި ބިނާކުރަމުންދާ އައު އިމާރަތުގެ މަސައްކަތް އަވަހަށް ފުރިހަމަކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.

ރަސްމާދޫ ކައުންސިލާ، އ.ތ.މ ކޮމިޓީއާ ރައީސް ބައްދަލުކޮށްލެއްވުމުގެކުރިން އެމަނިކުފާނު ވަނީ އެރަށުގައި އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.