ރަށުގެ ތަރައްގީއަށްޓަކައި އެކިއެކި މަސައްކަތްތައް ކުރަންޖެހިފައި އެބަހުރި ކަމަށާ، އެ ހުރިހާ ކަމެއްވެސް ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކޮށްދިނުމުގައި އަދުގެ ސަރުކާރުން ބާރު ދުވެލީގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ރ. އިންނަމާދޫގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އިންނަމާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުގައެވެ.

މިހާރު ފާސްކޮށްފައި އޮތް ބަޖެޓުގެ ތެރެއިން، މިފަދަ އެކި ކަންކަމުގައި އަމަލީ ސިފަޖެހިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ހިނގާ 2025 ވަނަ އަހަރަށް ފާސްކޮށްފައި އޮތް ބަޖެޓުން އެންމެ އިސްކަމެއް ދެއްވަނީ ބޯހިޔާވަހިކަމުގައި ހުރި ދަތިކަމަށް ދާއިމީ ހައްލު ހޯއްދަވައިދެއްވަން ކަމުގައި ވާއިރު، ރަށު ކައުންސިލުން ބިން ކަނޑައަޅައި ހަމަޖައްސަވައި ދެއްވުމާއެކު ކޮންޓްރެކްޓަރުން ހަމަޖެހުނުހާ އަވަހަކަށް، ރ. އިންނަމާދޫގައި 50 ޔުނިޓްގެ ހައުސިންގް މަޝްރޫއެއް ހިންގަވަން ނިންމަވާފައި ވާ ކަމުގައެވެ.

ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ޙައްލު ހޯއްދަވައިދެއްވުމަށް ފަހު ދެން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ތަޢުލީމީ އަދި ސިއްހީ ދާއިރާއަށް ކަމުގައި ވީ ނަމަވެސް، ވަކިވަކި ރަށްރަށުގެ ހާއްސަ ބޭނުންތަކަށް އިސްކަންދެއްވާނެކަން ފާހަގަކުރައްވައި ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސްވަނީ، އިންނަމާދޫ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް އިސްކަން ދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން، ބަނދަރުގެ މައްސަލަ ޙައްލު ކުރުމަށް ފަށާފައިވާ މަޝްރޫއު އަމަލީ ގޮތުން ހިންގަވައިދެއްވައި، ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން، އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މީގެއިތުރުން އެރަށުގެ ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއަށް ބޭނުންވެފައިވާ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ. އެގޮތުން ސިއްހީ ދާއިރާއަށް ގެންނަން ބޭނުންވެފައިވާ ޢުމްރާނީ އަދި އިންސާނީ ވަސީލަތުގެ ތަރައްގީއާއި، ތަކެތީގެ ގޮތުން ގެންނަންޖެހޭ ތަރައްގީއާއި ހިދުމަތުގެ ވަގުތު އިތުރުކުރުމުގެ ކަންކަން، ރައްޔިތުން އެދިވަޑައިގެންފައިވާ ގޮތަށް މި އަހަރު ތެރޭގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ތަކުރާރުކޮށް ދެއްވާފައެވެ.

ހަމަ މިއާއެކު ސްކޫލަށް ބޭނުންވާ ވަސީލަތްތަކާއި ޖާގަ އިތުރުކުރުމަށްޓަކައި އައު މަޝްރޫއެއް ހިންގަންޖެހޭ ކަމަށާ، މި އަހަރުގެ ބަޖެޓުގައި ހަމަޖައްސާފައިވާ ފަދައިން ތަރައްގީގެ މަޝްރޫއު ހިނގަމުންދާނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

މީގެ އިތުރުން ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި، ނަރުދަމާގެ މަސައްކަތްތަކާއި، މަގު ހެދުމުގެ މަޝްރޫއު ފަދަ ތަރައްގީ

ގެ މަޝްރޫއުތަކާއި، ޒުވާނުންނަށް ހާއްސަކޮށްގެން ހިންގާ ތަރައްގީގެ މަޝްރޫއުތަކަކީ މި އަހަރާއި އަންނަ އަހަރުގެ ތެރޭގައި ޢަމަލީ ސިފަޖެހިގެންދާނެ މަޝްރޫއުތަކެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދެން ރ. އިންނަމާދޫއަށް ވަޑައިގަންނަވާނީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ތަރައްޤީގެ މަޝްރޫޢުތަކެއްގައި ޙަޤީޤީ ކުލަޖެހި، އެކަމުގެ އުފަލުގައި ބައިވެރިވެވަޑައިގަތުމަށް ކަމުގައި ވިދާޅުވެ، ރަށުގެ ރައްޔިތުންނަށް އުންމީދު އައުކޮށްދެއްވިއެވެ.