ރ. ކިނޮޅަސް ޒުވާނުންނަށް، ފުޓުސަލް ދަނޑަކާއި، ވޮލީ ކޯޓަކުގެ އިތުރުން އިންޑޯރ އަދި އައުޓުޑޯ ޖިމެއް ގާއިމުކޮށްދެއްވުމަށް އެ ރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އަރިހު އެދެފިއެވެ.

ކިނޮޅަސް ކައުންސިލުން މި ކަމަށް އެދިފައިވަނީ ރައީސް، ކިނޮޅަސް ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ކިނޮޅަސް ސުކޫލުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި، ރައްޔިތުންނާ މަޝްވަރާކުރައްވައިގެން ތައްޔާރުކޮށްފައިވާ ތަރައްގީގެ ޕްލޭން ކައުންސިލްގެ ފަރާތުން ރައީސްއާއި ހިއްސާ ކުރެއްވިއެވެ. މިގޮތުން ރަށުގެ ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް ރަށު ސުކޫލުގައި މަލްޓިޕާޕަސް ހޯލަކާއި، އިތުރު ކުލާސް ރޫމްގެ މުހިންމު ކަން ފާހަގަކުުރެއްވިއެވެ.

އަދި ރަށުގެ ސިއްހީ މަރުކަޒު ހިންގުމުގައި ހުރި ގޮންޖެހުންތައްވެސް ކައުންސިލުން ހިއްސާކުރެއްވިއެވެ. ހަމައެއާއެކު ރަށުގައި ހުރިހާ އުމުރެއްްްްގެ ފަރުދުންނަށް ބޭނުންކުރެވޭނެ ލައިބުރަރީއެއް ގާއިމުކޮށްދެއްމަށްވެސް ކައުންސިލުން އެދުނެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.

ކިނޮޅަސް ކައުންސިލާ، އ.ތ.މ ކޮމިޓީއާ ރައީސް ބައްދަލުކޮށްލެއްވުމުގެކުރިން އެމަނިކުފާނު ވަނީ އެރަށުގައި އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.