ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ޖުމްހޫރީ ޕާޓީން ވަކިވެއްޖެ އެވެ.

މަލީހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ތެރޭގައި ޖޭޕީގެ އަޑު އެންމެ އިޚްލާސްތެރިކަމާއެކު އުފުލި މީހާއާ ދޭތެރޭ ބޭއިންސާފު ހުސްކޮށް އެމްޑީޕީން ކަންކުރަމުން ދިޔައިރު، އެ ޕާޓީ އޮތީ ހަނު ކަމަށެވެ. އަދި ބޮޑެތި ތުހުމަތުތަކާއި އެކު ސިޔާސީ މަގާމްތަކުން ވަކިކުރި ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަލީހު މަގާމުން ވަކިކޮށްފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. އޭނާ މަގާމުން ވަކިކުރަން ހުށަހެޅީ އިންޓަނެޓްގެ އަގު ހެޔޮނުވާ ކަމަށް ބުނެ އެވެ.

މަލީހް ވިދާޅުވެފައި ވަނީ އޭނާގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ 14 މެމްބަރަކު ހުށަހެޅި މައްސަލައަކީ ދޮގާ މަކަރު އެކުލެވޭ ޒާތީ މައްސަލައެއް ކަމަށެވެ. އޭނާއަށް އަދަބު ދެއްވަނީ "މާއްދާ 27" ގެ ބޭނުން ހިއްޕަވާތީ ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފަ އެވެ.

އޭނާއާ ދެކޮޅަށް ތުހުމަތުތަކެއް ކުރަން ފެށީ ވީޓީވީގެ ޕްރޮގްރާމެއްގައި ބަރުލަމާނީ ނިޒާމާ ދެކޮޅަށް ދެއްކެވި ވާހަކަތަކާ ގުޅިގެން ޒާތީ ވެގެން ކަމަށް މަލީހު ވިދާޅުވިއެވެ.