ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީގެ ސިއްހީ ހާލަތާމެދު، އެގައުމުގެ ސިޔާސީ އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދަން ފަށައިފިއެވެ.

ސިޔާސީ އިދިކޮޅު ފަރާތްތަކުން މިކަމުގެ ސުވާލު އުފައްދަން މިފެށީ، ޓެންޒޭނިއާގެ ރައީސްގެ އެއްވެސް ހަބަރެއް ނުވެ، އަދި އާންމު އެއްވެސް ތާކުން ނުފެންނަތާ ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ވުމާ ގުޅިގެންނެވެ.

އުމުރުފުޅުން 61 އަހަރުގެ ރައީސް ޖޯން މަގުފުލީ، އެތައް މަހެއް ވަންދެން ވިދާޅުވަމުން ގެންދެވީ، ދުއާކޮށްގެން ޓެންޒޭނިއާއިން ކޮވިޑް-19 ބަލިމަޑުކަން ނައްތާލެވިފައިވާ ކަމަށެވެ.

އަދި އާންމުން މާސްކް އެޅުމާއި، އަދި ގައުމު ލޮކްޑައުން ކުރައްވަންވެސް ރައީސް ގެންދެވީ ދެކޮޅު ހައްދަވަމުންނެވެ.

އެހެން ނަމަވެސް، ޓެންޒޭނިއާގައި އަދިވެސް ކޮވިޑްބަލި އެބައުޅޭކަމަށް ރައީސް އެންމެފަހުން އިއުތިރާފް ވެވަޑައިގެންނެވީ ނިމިގެންދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ރައީސް ޖޯން މަގުފުލީ މިކަމަށް އިއުތިރާފްވެވަޑައި ގެންނެވީ، ޓެންޒޭނިއާގައި ޒާތީ ވެރިކަމެއްކުރާ ޒަންޒިބާރުގެ ނައިބް ރައީސް އަވަހާރަވީ ކޮވިޑްބަލީގައިކަން ހާމަވުމާއި އަދި ޓެންޒޭނިއާއިން އަވަށްޓެރި ގައުމުތަކަށާއި، ދުނިޔޭގެ އެހެން ހިސާބުތަކަށް ދިޔަ އެ ގައުމުގެ އެތައްބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން ދުނިޔޭގެ ސިއްހަތ ޖަމްއިއްޔާއިން ކުރި އިންޒާރުތަކަށް ފަހުގައެވެ.

ޓެންޒޭނިއާގެ އިދިކޮޅު ލީޑަރު ޓުންޑޫ ލިސޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކުރީގެ ރައީސް ކިކްވެޓޭ ޕްރޮސްޓޭޓް ސާޖަރީއެއް ހެދުމުންނާއި، ކުރީގެ ރައީސް އެމްކަޕާ އުނަގަނޑު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކުރުމުންވެސް އިދިކޮޅު ފަރާތްތަކަށް އެކަން އެންގި ކަމަށެވެ.

ނަމަވެސް، ރައީސް މަގުފުލީއަށް ވީގޮތެއް ނާންގަންވީ ސަބަބެއް ނޭނގޭ ކަމަށާއި، ރައީސްގެ ހާލުކޮޅުގެ ވާހަކައަކީ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭ ކަމެއް ކަމަށް ޓުންޑޫ ވިދާޅުވެފައި ވެއެވެ.

އެފްރިކާގެ އެހެން ގައުމެއް ކަމަށްވާ ކެންޔާގެ ނޫހެއް ކަމަށްވާ ޑެއިލީ ނޭޝަންއިން ބުނެފައިވަނީ "އެފްރިކާގެ ގައުމެއްގެ ވެރިޔަކު" ކެންޔާގެ ވެރިރަށް ނައިރޯބީގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފައިވާ ކަމަށެވެ. އެ ލީޑަރަކީ، މާސްކް އެޅުމާއި، ފިޔަވަޅުތައް އެޅުމަށް ދެކޮޅުހަދާ ގައުމެއްގެ ވެރިއެއް ކަމަށްވެސް ނޫހުން ބުނެފައި ވެއެވެ.

ނަމަވެސް، އެއީ ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީކަމެއް ނޫހުން ހާމަކޮށްފައެއް ނުވެއެވެ.

ކެންޔާ ސަރުކާރުންވެސް ވަނީ މި މައުލޫމާތު ހާމަކުރުމަށް ދެކޮޅު ހަދާފައެވެ.

ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީ އެންމެފަހުން ފެނިފައިވަނީ، މިދިޔަ ފެބްރުއަރީމަހުގެ 27 ވަނަ ދުވަހު، ޓެންޒޭނިއާގެ އެންމެބޮޑު ސިޓީ ކަމަށްވާ ދާރުއްސަލާމްގައި ހުންނަ ސްޓޭޓް ހައުސްގައި ބޭއްވި ރަސްމިއްޔާތަކުންނެވެ.