ރޭ ފެށި ސައުތު އެމެރިކާ 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި ވާދަވެރި އާޖެންޓީނާ އަތުން ބްރެޒިލް 6-0 ގެ ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.

ވެނަޒުއެލާގައި ކުޅުނު މިމެޗުގެ ފުރަތަމަ އެގާރަ މިނެޓު ތެރޭ އާޖެންޓީނާއިން 6 ލަނޑު ޖެހިއެވެ. އަނެއް ތިން ލަނޑު އާޖެންޓީނާއިން ޖެހީ ދެވަނަ ހާފުގެ ކުރީކޮޅާއި މެޗުގެ 78 ވަނަ މިނެޓުގައެވެ.

އާޖެންޓީނާއިން ކާމިޔާބު ކުރި 6 ލަނޑުގެ ތެރެއިން 2 ލަނޑު ކާމިޔާބު ކޮށްދިނީ މެންޗެސްޓަރ ސިޓީއަށް ސޮއި ކޮށްފައިވާ އެޓޭކިންގ މިޑްފީލްޑަރު ކްލައުޑިއޯ އެޗެވެއްރީއެވެ. އިތުރު ލަނޑެއް ޖަހަން އޭނާ އެސިސްޓްވެސް ކޮށްދިނެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އާޖެންޓީނާއިން ވަނީ ބްރެޒިލް ގޯލަށް 13 ހަމަލާ ފޮނުވާލާފައެވެ. ބްރެޒިލުން 9 ހަމަލާ އުފެއްދިއިރު، ގޯލަށް އަމާޒުކޮށްލެވުނީ އެންމެ 2 ހަމަލާއެވެ.

ސައުތު އެމެރިކާ ޗެމްޕިއަންޝިޕް ކުރިއަށް ގެންދަނީ 2 ގްރޫޕަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ 3 ގައުމު ދެވަނަ ބުރަށް ދާނެއެވެ. ދެވަނަ ބުރު ކުޅޭނީ ލީގް އުސޫލުންނެވެ. ލީގް އުސޫލުން ކުޅެ ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ 4 ގައުމު، މިއަހަރު ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ 20 އަހަރުން ދަށުގެ ވަރލްޑް ކަޕަށް ކޮލިފައިވާނެއެވެ.