އިއްޔެ އަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިވަނީ ގިނަ އަދަދެއްގެ ކަރާ ކްލިއަރކޮށްދީ، ފަނި ގިރާނެ ސާމާނު ބާޒާރުގައި ތިޔާގިކޮށް ބަހައްޓައި ދިނުމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.
އެމްޕީއެލްއިން އިއްޔެ ވަނީ 880 ބަސްތާ ކަރާ ކްލިއަރކޮށްދީފައެވެ. ކަރަލުގެ އިތުރުން އެމްޕީއެލްއިން އިއްޔެ 78 ފޮށި ރޮކް މެލަން، 164 ފޮށި ސްވީޓް މެލަން، 250 ކޭސް ކުކުޅު ބިސް، 251 ގަނޑު ފަތްކެޔޮ، 126 ފޮށި ރޯ އަލަނާސި، 440 ބަސްތާ ފިޔާ އަދި 179 ބަސްތާ އަލުވި ކްލިއަރ ކޮށްދީފައިކަން ފާހަގަ ކޮށްލެވެއެވެ.
މިއަހަރަކީ އަތޮޅުތަކުން މާލެ ގެންނަ ކަރާގެ މިންވަރު މިންވަރު މަދު އަހަރެއްކަން ފާހަގަ ކޮށްލެވެއެވެ. ހާއްސަކޮށް މާލެއަށް އަބަދުވެސް އެންމެގިނައިން ކަރާ ގެންނަ ތޮއްޑޫ ކައުންސިލުން ރޯދަމަހުގެ ކުރިން ބުނެފައި ވަނީ ޑިސެމްބަރު މަހު ކުރިމަތިވި ބޮޑު ވިއްސާރައިގެ ސަބަބުން ކަރާ ދަނޑުތަކަށް ގެއްލުންވެ، މާލެއަށް ވިއްކަން ފޮނުވޭ ކަރަލުގެ މިންވަރު އެހެން އަހަރުތަކަށްވުރެ މިއަހަރު ބޮޑުތަނުން ދަށްވާނެ ކަމަށެވެ.
އެމްޕީއެލްއިން ގެންދަނީ މާލޭ ބާޒާރުގައި ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ޕެރިޝަބަލް ތަކެތި (އަވަށް ހަލާކުވާ ކާބޯތަކެތި) ކްލިއަރ ކޮށްދިނުމަށް ހާއްސަ އިސްކަމެއް ދީގެން މި ރޯދަމަހު މަސައްކަތް ކުރަމުންނެވެ.