ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށްޓަކައި، ފުލުހުންގެ 20 މަރުކަޒެއް އެޅުމަށް އާރު.ޑީ.ސީ އާއި ހަވާލުކޮށްފިއެވެ.
އިސްކަންދަރުކޮށީގައި ބޭއްވުނު މިރަސްމިއްޔާތުގައި
މި މަޝްރޫއުގެ އެއްބަސްވުންތަކުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހައިރެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން، ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށްޓަކައި 75 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އެޅުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ފުލުހުންގެ 91 އަހަރުގެ ތާރީހުގައި މިހާތަނަށް މުޅި ރާއްޖޭގައި ހުރީ ޖުމުލަ 17 އަމިއްލަ ސްޓޭޝަނެވެ. 2023 ވަނަ އަހަރުގެ ޑިސެންބަރު މަހާ ހަމައަށް ފުލުހުންގެ ޚިދުމަތް ގާއިމުނުވެވާ 70 ރަށެއް އޮތެވެ. ނަމަވެސް މި މަޝްރޫއުގެ ސަބަބުން، އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މީހުން ބަދަލުކުރެވޭ ރަށްތައް ފިޔަވައި، ފުލުހުންގެ ޚިދުމަތް ގާއިމުނުކުރެވިވާ ހުރިހާ ރަށެއްގައި އަމިއްލަ އިމާރާތަކާއެކު ފުލުހުންގެ ޚިދުމަތް ގާއިމުކުރެވިގެން ދާނެއެވެ.
މި މަޝްރޫއު ނިމުމުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ރަށުގައި ފުލުހުންގެ އަމިއްލަ، ޒަމާނީ މަރުކަޒުތައް ހުންނާނެއެވެ. މީގެ ސަބަބުން ފުލުހުންގެ ބަޖެޓުގެ ރިކަރަންޓް ހަރަދު ކުޑަކޮށް، ހިދުމަތް ދިނުމަށް ކުރެވޭ ހޭދަ އިތުރުކުރެވޭނެއެވެ.