އިމާރާތެއްގެ 5 ވަނަ ފަންގިފިލާގެ ކުޑަދޮރަކުން ކުޑަކުއްޖަކު ރޭ ނުކުތުމަށް މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާތީވެ، އެކަން އެގޮތަށް ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން ވިދާޅުވީ، މިފަދަ ވީޑިއޯތައް ދައުރު ކުރުމަކީ އެ ކުއްޖާ އާއި ކުއްޖާގެ އާއިލާ އަދި މިމަންޒަރު ފެންނަ ކޮންމެ މީހަކުވެސް ނަފްސާނީ އަނިޔާއަށް ހުށަހެޅިދާނެފަދަ އަމަލެއް ކަމަށެވެ. އެހެން ކަމުން ސޯޝިއަލް މީޑިޔާގައި ވީޑިއޯ ދައުރުކުރުން ހުއްޓާލުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.

ފުލުހުން އިތުރަށް ފާހަގަކުރި ގޮތުގައި، މިފަދަ މަންޒަރުތަކުގެ ސަބަބުން ކުޑަކުދިން ނުވަތަ ބަލިކަށި މީހުން ”ޓްރިގަރ“ ވެ، ނުރައްކަލަކަށް ހުށަހެޅިދާނެއެވެ. އަދި މިފަދަ ފޫޓޭޖްތައް ދައުރުކުރުމަކީ ސޯޝަލް މީޑިއާގައި ސަމާލުކަން ހޯދުމަށް މަސައްކަތްކުރާ ސަގާފަތެއް އާލާވެ، ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވެގެން ހިނގައިދާނެ ކަމެކެވެ.

ފުލުހުން ގޮވާލީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހައްމިއްޔަތުކަން ދިނުމަށެވެ. މީގެ ތެރޭގައި ކުޑަދޮރުތަކާއި ބެލްކަނިތައް ރައްކާތެރިކުރުމާއި، ކުޑަކުދިންނަށް ނުރައްކާތަކާ ބެހޭގޮތުން ހޭލުންތެރިކުރުމާއި، އަދި މިފަދަ ވީޑިއޯތައް އިތުރަށް ދައުރުކުރުމުގެ ބަދަލުގައި އެ ޕްލެޓްފޯމްތަކުން ނެގުމަށް ރިޕޯޓުކުރުން ހިމެނެއެވެ.