މިއަދު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އައިކެއަރގެ މުވައްޒަފުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފިއެވެ. މި ސެޝަން ބޭއްވުނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައެވެ.
އެމްއެންޑީއެފްއިން މަޢުލޫމާތު ދެއްވިގޮތުގައި މި ސެޝަންގައި އައިކެއަރގެ 39 މުވައްޒަފުން ބައިވެރިވިއެވެ. ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިފާނުގެ ހާދިސާތަކާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރެވުނެވެ.
މި ސެޝަންގައި ބައިވެރިންނަށް އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، އެފަދަ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ މަޢުލޫމާތު ދެވުނެވެ. މީގެ އިތުރުން، އަލިފާން ނިއްވުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކާ ބެހޭ މަޢުލޫމާތު ދިނުމާއެކު، އެ އާލާތްތައް އަމަލީގޮތުން ބޭނުންކުރާނެ ގޮތް ވެސް ދަސްކޮށްދެވުނެވެ.
މި މުހިންމު ސެޝަންގައި މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ތަޖުރިބާކާރު ފަޔަރފައިޓަރުންނެވެ. މިފަދަ ސެޝަންތަކުން މުވައްޒަފުންނަށް އަލިފާނުގެ ހާދިސާތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުވެ، މަސައްކަތުގެ މާޙައުލުގައި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.