އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސް ވާނެކަމަށާއި ހުރިހާ ފަރާތް ތަކުންވެސް އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން އިލްތިމާސް ކޮށްފިއެވެ.

މެޓުން މި ކަމަށް އިލްތިމާސް ކޮށްފައިވަނީ އެ އިދާރާއިގެ ވައިބަރ ގްރޫޕްގައި މިއަދުގެ މޫސުން ލަފާކޮށް ހިއްސާކުރި ޕޯސްޓެއްގައެވެ،

މި ޕޯސްޓްގައި މެޓުން އިތުރަށް ބުނެފައިވަނީ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނޭ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.

މީގެއިތުރުން ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 5 މޭލައި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާކޮށްފާއިވެއެވެ.

މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާ ކަމަށްވެސް މެޓުން ބުންޏެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.

ހަމައެއާއެކު ދެކުނުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދުގައި ކަމަށްވެސް މެޓުން ބުންޏެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކުރެއްވި ގޮތުގައި ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެއެވެ. މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.