އިމިގްރޭޝަނުން ހިންގި ރެއިޑު އޮޕަރޭޝަނެއްގައި، އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ބިދޭސީން ދިރިއުޅެމުންދިޔަ ތަނެއް ބަލައި ފާސްކޮށް، 13 ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.

މި ބިދޭސީން އިމިްގރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިމަހު 23ވަނަ ދުވަހު ޓާސްކުފޯހުން މާލޭގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގައި، އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް، ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރަމުންދިއަ ތަނެއް ވަނީ ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. މީގެއިތުރުން، އާންމު ސަރަހައްދުތަކުގައި އެއްވެ އުޅޭ ބިދޭސީންގެ މެދުގައި އާންމު މަސްލަހަތު ގެއްލޭފަދަ ކަންކަން ހިންގަމުންދާތީ، އިމިގްރޭޝަނުން ވަނީ މިފަދަ ސަރަހައްދުތައް މޮނިޓަރކުރަން ފަށައި، މި ހަރަކާތް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ތިން އަހަރުގެ ޕްލޭނެއް އެކުލަވާލާފައިވާއިރު، މި މަސައްކަތް 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވަނީ ވިދާޅުވެފައެވެ.

"އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި މިދިޔަ އަހަރުގެ މެއި 2 ވަނަ ދުވަހު ފެށި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީ ޤަވާއިދުގެ ތެރެއިން މަސައްކަތްކުރާ ބަޔަކަށް ހެދުމެވެ. މި އޮޕަރޭޝަންގެ ތެރެއިން ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި، އެމީހުން ވަޒީފާ އަދާކުރަނީ ޤާނޫނާއި ޤަވާއިދުގެ ދަށުންތޯ ޔަޤީންކުރެވޭނެއެވެ.