ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ޔުނައިޓެޑް ސްޓޭޓްސް އޮފީސް އޮފް ޑިފެންސް ކޯޕަރޭޝަން (އޯޑީސީ) ގުޅިގެން "ސީވިޝަން އެޕްލިކޭޝަން" ގެ އޮޕަރޭޓަރުން ތަމްރީނުކުރާ ކޯހެއް ހިންގައިފިއެވެ.
މި މަހުގެ 19 އިން 23 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ކޯހުގައި 21 ބައިވެރިޔަކު ބައިވެރިވެ ކޯސް ފުރިހަމަކޮށްިހަމަކޮށްފައިވެއެވެ. މި ކޯސް ނިންމުމުގެ ގޮތުން މި މަހުގެ 24ވަނަ ދުވަހު ބަންޑާރަކޮށި އޮޑިޓޯރިއަމްގައި ބޭއްވުނު ރަސްމިއްޔާތުގައި، ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކޮށްދެއްވީ ކޯސްޓްގާޑްގެ ޓްރެއިނިންގ ޑިވެލޮޕްމެންޓް އެންޑް ރިސަރޗް ޑިޕާޓްމަންޓްގެ ޑައިރެކްޓަރ، ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރެވެ.
މި ތަމްރީނު ކޯހުގެ މައިގަނޑު މަޤްޞަދަކީ ސީވިޝަން އެޕްލިކޭޝަން ފައިދާހުރި ގޮތެއްގައި ބޭނުންކުރުމަށް ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދިނުމެވެ. މި ގޮތުން، ސީވިޝަން އެޕްލިކޭޝަން ބޭނުންކުރާނެ ގޮތާއި، އެ ޓޫލް ބޭނުންކޮށްގެން މެރިޓައިމް ޓްރެފިކު މޮނިޓަރ ކުރާނެގޮތާއި އުޅަނދުތަކުގެ މަޢުލޫމާތުތައް ދެނެގަންނާނެ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދެވުނެވެ.
މީގެ އިތުރުން، އުޅަނދުތަކުގެ ސަސްޕިޝަސް މޫވްމަންޓް ދެނެގަންނާނެ ގޮތާއި ސީވިޝަންގެ އެކި ޓޫލްސްތައް ބޭނުންކޮށްގެން އުޅަނދުފަހަރުގެ މައުލޫމާތު ހޯދާނެ ގޮތްވެސް ވަނީ ދަސްކޮށްދެވިފައެވެ.
މި ތަމްރީނުގައި އެމްއެންޑީއެފްގެ އިތުރުން މޯލްޑިވްސް ކަސްޓަމް ސަރވިސްގެ މުވައްޒަފުންވެސް ބައިވެރިވިއެވެ. މި ކޯހަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ރައްކާތެރިކޮށް ބެލެހެއްޓުމަށް އިތުރު ބާރެއް ލިބިގެންދާނެ މުހިންމު ތަމްރީނެއް ކަމުގައި ބެލެވެއެވެ.