ސްޕެނިޝް ލަލީގާގައި ވަޔަޑޮލިޑް ކޮޅަށް ހެޓްރިކް ހަދައި ރެއާލްމެޑްރިޑް 3-0 އިން މޮޅުކޮށްދީ ފޯވާޑް ކިލިއަން އެމްބައްޕޭ އުދުހެން ފަށައިފިއެވެ.

އެމްބައްޕޭ ރެއާލްއަށް ލީޑް ނަގައިދިނީ 30 ވަނަ މިނެޓުގައެވެ. މިއީ ޖޫޑް ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހި ލަނޑެކެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ. ދެވަނަ ފަށައިގެން އެމްބައްޕޭ ލީޑް ފުޅާކޮށްދިނީ ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުސަތަކުން 57 ވަނަ މިނެޓުގައެވެ. ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ހޯދީ ބެލިންހަމްއެވެ. މިއީ މިސީޒަނުގައި ރެއާލްއަށް ބަދަލުވުމަށްފަހު އެކްލަބުގެ ޖާޒީގައި އެމްބައްޕޭ ކާމިޔާބު ކުރި ފުރަތަމަ ހެޓްރިކެވެ.

ރޭގެ މޮޅާއެކު ތާވަލުގެ ކުރީގައި ރެއާލް އޮތީ 21 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި 45 ޕޮއިންޓާއެކު އޮތް އެތުލެޓިކޯ މެޑްރިޑަށް ރޭ ވިޔަރެއާލް އަތުން މޮޅުވެވޭ ގޮތެއް ނުވިއެވެ. މިމެޗް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ތިންވަނައިގައި އޮތް ބާސެލޯނާ ރާއްޖޭ ގަޑިން މިރޭ ދަންވަރު 1 ޖަހާއިރު ބައްދަލު ކުރާނީ އަމިއްލަ ދަނޑުގައި ވެލެންސިޔާއެވެ. މިމެޗުން މޮޅުވެއްޖެނަމަ 42 ޕޮއިންޓް ބާސެލޯނާއަށް ލިބޭނެއެވެ.