ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ދެ ބޭފުޅަކު، މިއަދު ހެނދުނު އައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިީސީގެ މެންބަރުކަމަށް އައްޔަނުކުރެއްވި 2 ބޭފުޅުންނަކީ، މުހައްމަދު ޒާހިދު، ދަފުތަރު ނަންބަރު ރސ 1548 އަދި އަބްދުއްރަހުމާން ސަލާހު ރަޝީދު، ކ.ހުރާ، ރޯޒް އެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އުފައްދައިފައިވާ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، މި ދެ ބޭފުޅުން ޢައްޔަނުކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫން ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ.
މެންބަރުކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން، މި ދެ މެންބަރުންނާ ރައީސް ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި މެންބަރުކަމުގެ ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު މަހާޒް އަލީ ޒާހިރުގެ ކުރިފުޅުމަތީގައި، މުހައްމަދު ޒާހިދާއި އަބްދުއްރަޙްމާން ސަލާހު ރަޝީދު، ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި ކުރައްވައި، ހުވައިގެ އިގުރާރުގައި ސޮއި ކުރައްވައިފައެވެ.