ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް، 2 ބޭފުޅުން މިއަދު އައްޔަން ކުރައްވައިފިއެވެ

‎އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރެއްވީ އަހުމަދު ނާޝިދު، މއ. ގޯލްޑަންމޫން އަދި އަބްދުﷲ ނާޝިދު، ރ. އަލިފުށި، ފަސާނާއެވެ.

‎މއ. ގޯލްޑަންމޫން، އަޙްމަދު ނާޝިދަކީ ޕޮލިސް ބޯޑްގެ މެންބަރުކަމާއި، ކުރީގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

‎ރ. އަލިފުށި، ފަސާނާ، އަބްދުﷲ ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް އެޑިއުކޭޝަން (ސްކޫލް މެނޭޖްމަންޓް) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އަބްދުﷲ ނާޝިދަކީ އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

‎އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް މި ދެ ބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި އެބޭފުޅުން ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ކުރައްވާފައެވެ.

‎މި ރަސްމިއްޔާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މި ދެ ބޭފުޅުންނާ ވަނީ ހަވާލުކޮށްދެއްވާފައެވެ.