ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޓްރެއިނިންގ ސެންޓަރު ދ. ވާނީގައި ކުރިއަށްގެންދިޔަ ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ވާނީގައި ރޭ ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫންއެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ވަޒީރާއި، ކޮމިޝަނަރ އޮފް ޕޮލިސް އަދި އެހެނިހެން އިސްވެރިންނާއި ދަސްވެނިންގެ އާއިލާތައް ބައިވެރިވިއެވެ.

2024 ސެޕްޓެންބަރު 14 އިން 2024 ޖަނަވަރީ 14 އަށް ކުރިއަށްގެންދިޔަ މި ކޯހުގައި 140 ފުލުހުން ބައިވެރިވެ، 127 ފުލުހުން (37 އަންހެން އަދި 90 ފިރިހެން) ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައެވެ. މި އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި ހުނަރު ދަސްކޮށްދިނުމަށް ފަރުމާކުރެވިފައިވާ ކޯހެކެވެ.

މީގެ ތެރޭގައި ދީނީ ވާޖިބުތަކާއި، އިސްލާމީ ރިވެތި އަހުލާގާއި އިންސާނީ ހައްގުތައް އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ފަދަ ބައިތަކާއެކު ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ.