ގަސްތަކަށް ލިބޭ ގެއްލުން
މި 2 ވައްތަރުގެ ވައިޓްފްލައި ވެސް ދިޔަ ބުއިމުގެ ސަބަބުން ފަތްތަކުގެ މަތީ ފަރާތުގައި ދިޔަބޮއިފައި ހުންނަ ދިމަދިމާލުން ތިކި ޖަހައި، ކުލަމަޑުވެ ނުވަތަ ރީންދޫވުމުގެ ނިޝާންތައް ފެންނާނެއެވެ. ކޫޑީގެ އަދަދު ގިނަވެ ލިބޭ ގެއްލުން ބޮޑުވުމުން ފަތްތައް ދޮންވުމާއި، ގުރުޑުވުން އަދި ފަތްތައް ހިކި ފަތްފޭބުމމުގެ ސަބަބުން ގަސްތަކަށް ވަރަށް ބޮޑަށް ގެއްލުންވެއެވެ. އުދުހޭ ހުދުކޫޑި އަކީ އެއްގަހުން، އަނެއްގަހަށް، ތަފާތު ވައިރަސް ބަލިތައް ފެތުރުމުގެ އެންމެ ބޮޑު އެއް ވަސީލަތެވެ. އަދި ވައިރަސްޖެހި ގަސް ގުރުޑުވުމުން އެއްވެސް ބޭހަކުން ކޮންޓްރޯލެއް ނުވެއެވެ.
މިގެ އިތުރުން މި ކޫޑިތައް، ހަކުރުހެން ތަތްލަވާ، ފޮނި ދިޔައެއް އޭގެ ބަނޑުން ބޭރުކުރެއެވެ. ދެން ފަތްތަކުގައި ހޭކިފައި ހުންނަ މި ދިޔަތަކުގައި ކަޅުކުލައިގެ ފަންގަސްއެއް އަށަގަނެގެން ފަތްތައް ކަޅުވެއެވެ. އެހެންކަމުން ގަހަށް ބޭނުންވާ މުހިންމު ބައެއް ކާނާގެ މާއްދާތައް ގަހަށް ފުދޭވަރަށް ނަގައި ނުދެއެވެ.
ކޮންޓްރޯލް ކުރުން
ރާއްޖޭގެ މޫސުމަކީ ވައިޓްފްލައި އަށް ވަރަށް އެކަށީގެންވާ މޫސުމެއް އޮންނަ ޤައުމެކެވެ. ސިލްވަރލީފް ވައިޓްފްލައި އަކީ، ވިނަ ގަސްތަކާއި މިނޫން ގަސްގަހުގައި އުޅޭ އަދި ވަރަށް އަވަހަށް ގިނަވާ އެއްޗެކެވެ. އަދި ކެމިކަލް ޕެސްޓިސައިޑް އަށް ވަރަށް އަވަހަށް ހޭނެއެވެ. މިހާރުވެސް މިފަދަ ގިނަ ޕެސްޓި ސައިޑަށް މި ކޫޑި ވަނީ ހޭނިފައެވެ. ރާއްޖެގައި ދަނޑުވެރިކަން ކުރާ މީހުން ކެމިކަލް ޕެސްޓިސައިޑް ތައް ބޭނުންކުރާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެއެވެ. މި ގޮތަށް ބޭސްޖެހުމުގެ ސަބަބުން ހުދުކޫޑިއާއި މި ނޫންވެސް ގަސްތަކަށް ގެއްލުންދޭ ފަނިފަކުސާތަކަށް ހަމަލާދީ، ނައްތާލާ ބެނޮފިޝަލްސް އިންސެކްޓްސް(ފައިދާހުރި ފަނިފަކުސާތައް) ވަނީ މުޅިންހެން ނެތިގެން ގޮސްފައެވެ. މީގެ ސަބަބުން ވައިޓް ފްލައިއާއި ގަހަށް ގެއްލުންދޭ އެހެނިހެން ފަނިފަކުސާތައް ގިނަވާލެއް ވަރަށް އަވަހެވެ. އެހެންކަމުން މި އުދުހޭ ހުދުކޫޑި އަކީ، ކޮންޓްރޯލް ކުރަން މިހާރު ވަރަށް އުނދަގޫ އެއްޗެކެވެ.
ވައިޓްފްލައި ކޮންޓްރޯލް ކުރުމަށް ބޭނުންކޮށް އުޅެނީ މައިގަނޑު 4 ގޮތެކެވެ. އެއީ، ކަލްޗަރަލް، މެކޭނިކަލް ނުވަތަ ފިޒިކަލް، ބަޔޮލޮޖިކަލް އަދި ކެމިކަލް ކޮންޓްރޯލް މެތަޑްތަކެވެ.
· ކަލްޗަރަލް ކޮންޓްރޯލް
ކަލްޗަރަލް ކޮންޓްރޯލްގެ ތެރޭގައި، ނާސަރީ އާއި ދަނޑާއި ދަނޑުގެ ވަށައިގެން ހެދިފައިހުންނަ ވިނަތައް ނޮޅާ ސާފުތާހިރުކޮށް ބެލެހެއްޓުމާއި ކޫޑިއާއި އޭގެ ބިސް ގިނައިން ހުންނަ ފަތްތައް ކަނޑާ ނައްތާލުން އަދި ގަހުގެ ފަތްތަކުގެ ދަސްފަރާތައް ބާރު ޕްރެޝަރެއްގައި ފެން ސްޕްރޭކުރުން ފަދަ ކަންކަން ހިމެނެއެވެ. މި ގޮތަށް ފެންފޮނުވުމުން ފަތުގެ ދަށްފަރާތުގައި ތިބޭ ހުދިކޫޑީގެ ބިހާއި އޭގެ ނިންފަތއް ބިންމައްޗަށް ވެރޭނެއެވެ. މި ގޮތަށް 2 ހަފްތާ ވަންދެން ހަފްތާއަކު 2 ފަހަރު ފެންޖެހުމުން ވައިޓްފްލައި ވަރަށް ބޮޑަށް މަދުކޮށްލެވޭނެއެވެ. އަދި ދެ ގަސް ދޭތެރޭ ފްރެންޗް މެރީގޯލްޑް(ސަނދުބަރަކަ) ހައްދާފައި ހުރުމަކީވެސް މި ކޫޑީގެ އުނދަގޫ ކުޑަކޮށްދޭ ކަމެކެވެ.
އަދި ނުނިމޭ......
https://sarukaaru.gov.mv/articles/6829