އެވިޑް ކޮލެޖްގެ މޭ އިންޓޭކް 2021 އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެވިޑް ކޮލެޖްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މޭ އިންޓޭކް 2021 ހުޅުވައިދެއްވީ އެ ކޮލެޖްގެ ޗެއަރމަން އަބްދުﷲ މުސްތާޤް ރަޝާދު އެވެ.

މި ރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ހުރިހާ ފެކަލްޓީއެއް ވަނީ ބައިވެރިވެ، އެ ފެކަލްޓީ އަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ. މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެވިޑް ކޮލެޖްގެ ޗެއަރމަން އަބްދުއްﷲ މުސްތާޤް ވަނީ އެވިޑް ކޮލެޖްގެ އަމާޒަކީ އަބަދުވެސް ތަފާތު ވައްތަރުގެ ކޯސް އަދި ތަފާތު ވައްތަރުގެ ޕްރޮގްރާމްތައް، އިލްމީ އަދި ގާބިލް ބޭފުޅުންނާއެކު ކުރިއަށް ގެންދިއުން ކަމުގައި ވިދާޅުވެފައެވެ.

އެވިޑް ކޮލެޖްގެ މޭ އިންޓޭކް 2021 ގައި، ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން މާސްޓަރސް އާ ހަމައަށް، ތަފާތު އެކި ދާއިރާތަކުން ކިޔަވާދެއެވެ. އެވިޑް ކޮލެޖްގެ ފެކަލްޓީސް ތަކުގެ ތެރޭގައި، ފެކަލްޓީ އޮފް އެޑިއުކޭޝަން، ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓް، އަދި ފެކަލްޓީ އޮފް ހިއުމަން ޑެވެލޮޕްމެންޓް ހިމެނެއެވެ. މީގެ އިތުރުން ފެކަލްޓީ އޮފް ރިސާޗް އެންޑް އިނޮވޭޝަން އަދި ފެކަލްޓީ އޮފް އިސްލާމިކް ސްޑަޑިޒް އަކީވެސް އެވިޑްކޮލެޖުގައި ހިނގާ ފެކަލްޓީތަކެވެ. މި ފެކަލްޓީ ތަކުން މަތީ ތައުލީމުގެ އެކި ގިންތިތަކަށް އަމާޒުކޮށް އެކި ދައިރާތަކުން ތަފާތު ކޯސްތައް ހިންގައެވެ. އަދި މި ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންގެ ފީ ދެއްކުމަށް މިފަހަރު ވަނީ ލުއިފަސޭހަ ބަދަލުތަކެއް ގެނެވިފައެވެ. އެގޮތުން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމާއި ފީ ދެއްކުމުގެ ނިޒާމް ވަނީ ފުރިހަމަކުރެވިފައެވެ.

އޮންލައިންކޮށް ބޭއްވުނު މި ހަފްލާގައި އެވިޑްކޮލެޖްގެ ރެޖިސްޓްރާގެ ފަރާތުން ވަނީ ދަރިވަރުންނަށް މުހިންމު މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. މިގޮތުން އޮންލައިން އެޕްލިކޭޝަން ހުށަހަޅުއްވާއިރު، ބޭނުންވާ ހުރިހާ ޑޮކިއުމަންޓްތައް ހަމަތޯ ޔަގީންކުރުމުގެ މުހިންމު ކަމަށް އަލިއަޅުވާލިއެވެ. މީގެ އިތުރުން، ދަރިވަރުންގެ ޝަކުވާތައް ހައްލުކޮށް އަދި އެ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން އެންމެ ފުރިހަމަ އަށް ފޯރުވައިދިނުމުގެ މަޤްސަދުގައި ސްޓޫޑެން ސަޕޯޓް ސާވިސަސް ވަނީ މުޅިން އަލަށް ތައާރަފްކުރެވިފައެވެ. މީގެ ސަބަބުން މި ކޮލެޖްގައި ދަރިވަރުން ކުރަމުން އަންނަ އިލްމީ ދަތުރަށް އިތުރު ފުރިހަމަ ކަމެއް އަންނާނެކަމަށް އެވިޑް ކޮލެޖުން މައުލޫމާތު ދިނެވެ.

މުޅި ދުނިޔެއަށް މި ދުވަސްވަރު ކުރިމަތިވެފައިވާ މި ނުރައްކާތެރި ދަނޑިވަޅުގައިވެސް އެވިޑް ކޮލެޖުން ދަނީ އެކޮލެޖް ގެ މަސައްކަތް ހުއްޓާނުލައި، އޮންލައިންކޮށް ކުރިއަށް ގެންދަމުންނެވެ. އަދި ދަރިވަރުންނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމުގައި އެވިޑް ކޮލެޖުން ދަނީ އަވަދިނެތި މަސައްކަތް ކުރަމުންނެވެ.

އެވިޑް ކޮލެޖްގެ ފަރާތުން ނިކުންނަ ދަރިވަރުންނަކީ ޤައުމު ބިނާ ކުރާނެ ދަރިންކަމުގައި ވުމަކީ އެއްމެ ބޮޑު ހުވަފެން ކަމަށް އެވިޑް ކޮލެޖްގެ ޗެއަރމަން އަބްދުއްﷲ މުސްތާޤް ރަޝާދު ވިދާޅުވިއެވެ. އަދި މި ފުރުސަތުގެ ބޭނުން ހިފާ، މޭ އިންޓޭކްއަށް އެޕްލައި ކުރުމަށް ހުރިހާ ދަރިވަރުންގެ ކިބައިންވެސް އެދިވަޑައިގަތެވެ. ތިރީގައި މިވާ ލިންކްއިން އެޕްލައި ކޮށްލެވޭނެއެވެ.

https://www.avidcollege.edu.mv/online-application-form/

2005 ވަނަ އަހަރު އުފެދިގެން އައި އެވިޑް ކޮލެޖަކީ، ހެޔޮއަގުގައި މަތީތަޢުލީމު ދިވެހިންނަށް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކޮލެޖެވެ. އެވިޑް ކޮލެޖްގެ ކެމްޕަސްތައް މާލެ ސިޓީ އަދި ތިނަދޫގައި ޤާއިމްކުރެވިފައި ވެއެވެ.