އިންޑިޔާއިން ރާއްޖެއާއެކު ގުޅުން ބަދަހިކުރަން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވާ ކަމުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު މޯދީ މިހެން ވިދާޅުވީ، އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅުވައިގެންނެވެ.

ބޮޑުވަޒީރު މޯދީ ވިދާޅުވީ ރާއްޖެ އާއި އިންޑިޔާގެ ޒަމާންވީ ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކަމުގައި އިންޑިޔާއިން ފުރިހަމަައަށް އެއްބާރުލުންދީ އެކަމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

އިންޑިޔާއިން މިއަދު ފާހަގަ ކުރަމުން އަންނަ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ.މުއިއްޒު އެކްސްގައި ވިދާޅުވީ އިންޑިއާއާއެކު އޮންނަ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމަށް ރާއްޖޭން އަބަދުވެސް އިޙްތިރާމް ކުރައްވާނެކަމަށާއި އަދި މި ގާތް ގުޅުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިޙްތިރާމާއި އެއްގޮތް ވިސްނުންތަކުގެ ސަބަބުން އުފެދިފައިވާ ގުޅުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.