ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު މޭޖަރ (ރޓޑ) މުޙައްމަދު ނަޖާޙް އާއި އެ ކުންފުނީގެ އިސްވެރިން ދ. ރިނބުދޫ ކައުންސިލް އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި، މިހާރު ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށް ފެނަކައިން ހާމަކުރިއެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މިހާރު ދިވެހިރާއްޖޭގެ 157 ރަށެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދެއެވެ. އަދި އެ ކުންފުނިން ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުގެ ކަރަންޓު ވިއުގަ އަދުގެ ޓެކްނޮލޮޖީއާ އެއްގޮތަށް އަޕްގްރޭޑުކުރުމާއި، އައު އިންޖީނުތައް ރަށްރަށަށް ހޯދުމުގެ މަސައްކަތްތަކާއި އިންޖީނުގެތަކާއި އޮފީސްތައް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން، ޚިދުމަތްތައް ޒަމާނީ ކުރުމުގެ ގޮތުން ސްމާޓް މީޓަރު ގާއިމްކުރުމާއި ސޯލާ ޓެކްނޮލޮޖީގެ ސިސްޓަމްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކުރުމުގެ މަސައްކަތްވެސް ފެނަކައިން ދަނީ ކުރަމުންނެވެ.