ޗައިނާ އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން ފުލުހުން ގެއްލިގެން ހޯދަމުންދަނީ ޗައިނާ ރައްޔިތެއްކަމަށްވާ ސޫ ޒިއޯނިންގ (30އ) އެވެ.
ފުލުހުން ބުނީ ސޫ ޒިއޯނިންގ ރާއްޖެ އައިފަހުން އާއިލާއަށް ހަބަރެއް ވެފައި ނުވާތީ، ވީނުވީއެއް ނޭނގި ގެއްލިގެން، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ 2025 ޖަނަވަރީ 22 ވަނަ ދުވަހު ކަމަށެވެ.
އަދި މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު އޭނާ ހޯދުމަށްޓަކައި ފުލުހުންގެ ކަމާގުޅުންހުރި އެންމެހައި ބަހާތަކަށް މައުލޫމާތު ހިއްސާކުރެވި، ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މީގެއިތުރުން ފުލުހުން ބުނީ އޭނާ ޓްއަރިސްޓް ވިސާގައި ރާއްޖެ އައިސްފައިވަނީ 2024 އޮކްޓޫބަރު 13 ވަނަ ދުވަހުކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށާއި އަދި އޭނާ މާލޭގައި ހުރި ގެސްޓް ހައުސް އިން 2024 އޮކްޓޫބަރު 24 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ޗެކްއައުޓް ވެފައިވާކަމާއި އެއަށްފަހު އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައިނުވާކަން ތަހުގީގަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭނާ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި ސޫ ޒިއޯނިންގ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަށް ލަސްނުކުރައްވައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.