ފަތުރުވެރިކަމުގެ ވިޔަފާރި ހިންގުމަށް ހދ.ހަނިމާދޫއިން 5000 އަކަފޫޓުގެ 9 ބިން، އެރަށު ކައުންސިލުން ބިޑަށް ހުޅުވާލައިފިއެވެ.
ބިންތައް ކުއްޔަށް ދޫކުރުމަށް ނިންމާފައި ވަނީ ރަށުގެ ދެކުނާއި އުތުރުންނެވެ. ކުއްޔަށް ދޫކުރަނީ 50 އަހަރަށެވެ.
ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އިކްނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބިޑް ފޮތް ގަތުމުގެ ފީ އަކީ 5000 އަކަފޫޓުގެ ޕްލޮޓަކަށް 1000 (އެއް ހާސް) ދިވެހި ރުފިޔާއެވެ.
ހަނިމާދޫ ކައުންސިލުން އެދިފައި ވަނީ އެރަށުގައި ޓުއަރިޒަމްގެ ވިޔަފާރި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން، ކުރިއަށް އޮތް ފެބްރުއަރީ 19 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ހުރިހާ ލިޔެކިޔުންތަކެއް ނިންމައި ރަޖިސްޓްރީ ކުރެއްވުމަށެވެ.
ހަނިމާދޫއަކީ ރާއްޖޭގެ ބޮޑެތި ރަށްތަކުގެ ތެރެެއިން ރަށެކެވެ. އިންޓަނޭޝަނަލް ބޮޑު އެއަރޕޯޓެއްގެ މަސައްކަތް މިހާރުވެސް އެރަށުގައި ހިނގަމުންދާއިރު، ޓުއަރިޒަމަށް ފައްކާކޮށްފައި އޮތް މަޝްހޫރު ބެއަރފޫޓް ހޮޓާ ހިންގަމުންދަނީ ހަނިމާދޫގައެވެ.