ސައުދީ އަރަބިއްޔާގެ އަލް ހިލާލަށް ބޮޑު އަގުގައި ބަދަލުވީ ނޭމާ ޖޫނިއަރ އެކްލަބު ދޫކޮށް، ޅަ ދުވަސްތައް ހޭދަކުރި އަމިއްލަ ގައުމުގެ ސަންތޯސްއަށް ބަދަލުވާން ނިންމައިފިއެެވެ.

2023 ވަނަ އަހަރު ފްރާންސްގެ ޕީއެސްޖީ ދޫކޮށް 97.6 މިލިޔަން ޑޮލަރަށް ހިލާލަށް ބަދަލުވި ނޭމާ، ސަންތޯސްއަށް ބަދަލުވަނީ ހިލާލުން އޭނާއަށް ދެމުން އަންނަ މުސާރައިން ވަރަށް ބޮޑު ބައެއް އުނިޔާ ގޮތަށް ކަމަށް ބްރެޒިލްގެ ނޫސްތަކުން ބުނެއެވެ. ހިލާލް ދޫކޮށްލަން ނޭމާއަށް މަޖުބޫރުވި ސަބަބަކީ ސީޒަނުގެ ބާކީ އޮތް ދުވަސްތަކަށް ހިލާލުން ރަޖިސްޓްރީ ކުރި ސްކޮޑުން ކޯޗް ޖޯޖް ޖީސަސް ނޭމާގެ ނަން ނުހިމެނުމުންނެވެ. ކޯޗް ޖީސަސް ބުނީ ސައުދީ ލީގުގައި ކުޅޭނެ ފެންވަރު މިހާރު ނޭމާގެ ނެތް ކަމަށެވެ. ހިލާލަށް ބަދަލުވުމަށްފަހު ގިނަ ދުވަސްތަކެއް ނޭމާ ހޭދަކުރަން ޖެހުނީ އަނިޔާގައިކަން ފާހަގަ ކޮށްލެވެއެވެ.

ޔޫރަޕުގެ ބޮޑެތި ކްލަބުތަކުގެ ލޮލުގައި ނޭމާ އަޅައިގަތީ ސަންތޯސްއަށް ކުޅެމުންދިޔަ ދުވަސްވަރުއެވެ. ރިޕޯޓުތައް ބުނާ ގޮތުން ނޭމާ އަމިއްލައަށް އޭނާގެ ކުރީގެ ކްލަބު ބާސެލޯނާއަށް ބަދަލުވާން ހުށަހެޅިއެވެ. އެކަމަކު ބާސެލޯނާއިން އޭނާއަށް ނޫނެކޭ ބުނީއެވެ.