އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އައްޑޫސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާޢީލާއި މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. ޢަބްދުﷲ މައުސޫމާއި އައްޑޫ ސިޓީއާއި ހުވަދު އަތޮޅުގެ ބައެއް ދާއިރާތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އައްޑޫ ސިޓީ ކައުންސިލުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިޤްތިޞާދީ ހަބެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްޤީ ކުރުމީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން އައްޑޫ ސިޓީގެ އިޤްތިޞާދު ފުޅާކޮށް، ޒަމާނީ ސިޓީއެއްގެ ގޮތުގައި އައްޑޫ ތަރައްޤީކުރުމަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކޮށް، އިޤްތިޞާދީ ސިނާޢަތްތައް ތަރައްޤީކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ކަމާގުޅޭ އިދާރާތަކާއެކުގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ ރާއްޖެ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިންގުމަކީ ރައީސްގެ ބޮޑު ވައުދެއްކަމަށާއި އިޤްތިޞާދު ލާމަރުކަޒު ކުރުމަކީ އެންމެ އިސްކަންދެއްވާ މަސައްކަތްކަމަށެވެ. އަދި އައްޑޫ ސިޓީއަކީ ދެކުނު އިޤްތިޞާދީ ހަބަކަށް ހެދުމަށް ކުރާ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީއާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާ ދެމެދު ޤަވާޢިދުން ކޮންމެ ދުވަހަކު ވައިގެ ދަތުރުތައް ބޭއްވުމާ ގުޅޭގޮތުންވެސް މިހާރު ދަނީ މަޝްވަރާކުރަމުންނެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް، ވަކިން ޚާއްޞަ ގޮތެއްގައި އައްޑޫ ސިޓީއާއި ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ދެކުނު އަތޮޅުތަކާއި އައްޑޫ ސިޓީ އިޤްތިޞާދީގޮތުން ގުޅާލުމުގެ އިތުރުން، އައްޑޫ ސިޓީގެ މަގުތަކުގެ ތެރެއިން 40 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، 228 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢެއްގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.