އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބޯންމޯތު ކޮޅަށް މުހައްމަދު ސަލާހް ކާމިޔާބުކޮށްދިން ދެ ލަނޑުން، 2-0 އިން މޮޅުވެ ތާވަލުގެ ކުރީގައި ލިވަޕޫލުން 9 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ބޯންމޯތުގެ ދަނޑުގައި ކުޅުނު މިމެޗުގައި ލިވަޕޫލަށް ސަލާހް ލީޑް ނަގައިދިނީ ޕެނަލްޓީއަކުން 30 ވަނަ މިނެޓުގައެވެ. މިއާއެކު ސަލާހް ވެގެން ގޮސްފައި ވަނީ މިސީޒަނުގައި ޔޫރަޕުގެ ގަދަ 5 ލީގުގައި 20 ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ ކަމުގައެވެ. ލިވަޕޫލުގެ ލީޑް ސަލާހް ފުޅާކޮށްދިނީ 70 ވަނަ މިނެޓުގައެވެ.

މިމެޗް ސަލާހަށް ވަރަށް ހާއްސައެވެ. މިމެޗުގައި ސަލާހް ފުރަތަމަ ޖެހި ލަނޑަކީ ޔޫރަޕް ކެރިޔަރުގައި އޭނާ ކާމިޔާބު ކުރި 300 ވަނަ ލަނޑެވެ. މީގެ ތެރެއިން 236 ލަނޑު އޭނާ ކާމިޔާބު ކުރީ ލިވަޕޫލުގެ ޖާޒީގައެވެ. މީގެ އިތުރުން ބަސެލް އަށް 20 ލަނޑު، ޗެލްސީއަށް 2 ލަނޑު، ފިއޮރެންޓީނާއަށް 9 ލަނޑު އަދި ރޯމާއަށް 34 ލަނޑު ސަލާހް ކާމިޔާބު ކޮށްދީފައިވެއެވެ.

މިމޮޅާއެކު ތާވަލުގެ ކުރީގައި ލިވަޕޫލް އޮތީ މިހާތަނަށް ކުޅުނު 23 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އާސެނަލްއަށް ލިބިފައި ވަނީ 47 ޕޮއިންޓެވެ. މިރޭ އާސެނަލް ވާދަކުރަނީ، އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއެވެ. މިއީ ލީގް ޗެމްޕިއަންކަން ހޯދުމުގެ ރޭހަށް ވަނުމަށް މެންޗެސްޓަރ ސިޓީއަށް މަރުގެ މެޗެކެވެ. ސިޓީ މިވަގުތު އޮތީ 41 ޕޮއިންޓާއެކު ތާވަލުގެ 4 ވަނައިގައެވެ. މިމެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ 21:30 ގައެވެ.