ވާދަވެރި މެންޗެސްޓަރ ސިޓީގެ މައްޗަށް 5-1 ގެ ބޮޑު ތަފާތަކުން ކުރި ހޯދައި އާސެނަލުން އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ކުރާ އުއްމީދު އަނެއްކާވެސް އާކޮށްފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި އާސެނަލުން ލީޑް ނެގީ މެޗް ފަށައިގެން ދެވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ކެޕްޓަން މާޓިން އޮޑެގާޑެވެ. އެކަމަކު ކުޅުން ރަނގަޅުކޮށް ދެވަނަ ހާފު ކުރީކޮޅު މެންޗެސްޓަރ ސިޓީއިން ނަތީޖާ ހަމަހަމަ ކުރިއެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ފޯވާޑް އާލިން ހާލަންޑެވެ. އޭގެ ދެމިނެޓް ފަހުން ތޯމަސް ޕާޓޭ ފޮނުވާލީ ހަމަލާއެއް ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް ގައިގައި ޖެހި މިސްރާބު ބަދަލުވެ ގޯލަށް ވަނީއެވެ. ދެން ފެނިގެންދިޔައީ އާސެނަލުން ކައުންޓަރ އެޓޭކްތަކުގައި ސިޓީ ކޮޅަށް ފުލުފުލުގައި 3 ލަނޑު ޖެހި މަންޒަރެވެ. މިލަނޑުތައް ކާމިޔާބު ކޮށްދިނީ މައިލްސް ލިވައިސް ސްކެއްލީ، ކައި ހަވާޓްޒް އަދި އީތަން ނަވޭރީއެވެ.

މި ނަތީޖާއާއެކު ލީގުގެ ދެވަނައިގައި އާސެނަލް އޮތީ 50 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި 56 ޕޮއިންޓާއެކު އޮތީ މިސީޒަނުގައި ތަފާތު ވަރުގަދަ ފޯމެއްގައި އޮތް ލިވަޕޫލެވެ. އެންމެފަހުގެ ޗެމްޕިއަން ސިޓީ 41 ޕޮއިންޓާއެކު އޮތީ 4 ވަނައިގައެވެ. ސިޓީއަށް މިސީޒަނުގައި އެކަށީގެންވާ ނަތީޖާތަކެއް ނެރެވެމުން ނުދާއިރު، ކޯޗް ޕެޕް ގާޑިއޯލާގެ ކައިވެނި ވަނީ މީގެ ކުޑަދުވަސްކޮޅެއް ކުރިން ރޫޅިފައެވެ.