ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެމްޕޭނަށް ޚާއްސަކޮށް އެމްޑީޕީން "ރަށްވެހި ފަތިސް" ގެ ކެމްޕޭން ޖަގަހައެއް ސްރީލަންކާގައި ހުޅުވައިފިއެވެ.

ދިވެހިން އެންމެ ގިނައިން ދިރިއުޅެމުން އަންނަ ބޭރު ގައުމު ކަމަށްވާ ލަންކާގައި އެމްޑީޕީން ހުޅުވި "ރަށްވެހި ފަތިސް" ޖަގަހަ ރޭ އޮތް ރަސްމިއްޔާތެއްގައި ހުޅުވައި ދެއްވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރަޒާޤެވެ.

ކުޅިމަހާއި ބޮނޑިބަތާއެކު ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ލަންކާގައި ދިރިއުޅޭ އެމްޑީޕީގެ ސަޕޯޓަރުންވެސް ބައިވެރިވިއެވެ. ޖަގަހަ ހުޅުވާފައި ވަނީ ދެހިވަލައިގެ ބަހައްތިޔަ މަވައްތައިގައި ހުންނަ ދިވެހި ކެފޭއެއް ކަމަށްވާ "ގުރުވަ ކެފޭ" އާއި ޖެހިގެންނެވެ.

ލަންކާއަކީ އާންމުކޮށް ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ކެމްޕޭން ޙަރަކާތްތައް ވަރަށް ބޮޑަށް ހިންގަމުން އަންނަ ގައުމެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީ ކުރުމުގެ ކަންކަންވެސް ލަންކާގައި ކުރިޔަށް އެބަދެއެވެ.