ކެންސަރު ބަލި ޖެހުމަށް އެންމެ ބޮޑަށް މަގުފަހިކުރުވަނީ ދުންފަތް ކަމަށާއި، ކެންސަރުބަލިން ސަލާމަތްވެ ހުރުމަށް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އާދައިން ދުރުހެލިވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ މުނާސަބަތާ ގުޅުވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ މެސެޖުގައި ގުޅިގެންކުރާ މަސައްކަތްތަކާއެކު ތިން ކަމެއް ކުރުމަށް އަމާޒު ހިފާފައިވާކަން ފާހަގަކުރެއްވިއެވެ. އެއީ ކެންސަރު ބަލިން ރައްކާތެރިކަން ކަށަވަރުކުރުމާއި, ދުރާލާ ކެންސަރު ހުންނަކަން ދެނެގަނެ އަވަސް ފަރުވާ ޔަޤީންކުރުމާއި، ކޮންމެ މީހަކަށްވެސް ހަމަހަމަކަންމަތީ ފަރުވާ ދެވޭކަން ކަށަވަރުކުރުމެވެ.

ދުންފަތުން ދިވެހި ޒުވާން ޖީލާއި ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށް މިސަރުކާރުން ވަނީ އުނދަގޫ ނިންމެވުންތަކެއް ނިންމަވައި ދުންފަތާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މިގޮތުން ރާއްޖެއަށް ވޭޕް އެތެރެ ކުރުން މަނާ ކުރުމާއި ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެކުރުން މަނާކުރުމާއި ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖޭގައި އުފެއްދުން މަނާކުރުން ހިމެނެއެވެ. މީގެ އިތުރުން ސިނގިރޭޓުން ނަގާ ޑިޔުޓީ ބޮޑުކުރުންވެސް ހިމެނެއެވެ.